މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަންނަ ސެޕްޓޭމްބަރުމަހު ރާއްޖޭގަައި ބޭނުންކުރަން ފެށަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވި މެމެސެޖްގައިވަނީ މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކަން ފާހަގަކުރައްވާފައެވެ.
މީގެ ކުރިން ރާއްޖޭގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަކަމަށާއި ނަމަވެސް ތަފާތު ސަބަބުތަކާހެދި އެ ޕްރޮގްރާމް މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައިވީނަމަވެސް އިންޑިޔާ ސަރުކާރުގެ އެހީގައި އަނެއްކާވެސް ޕޮރްގްރާމް ފަށަން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެގޮތުން އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާ ތަކެއް ކުރެވި، މިފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްޙީ ފަރުވާދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މި މެސެޖުގައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ލާޒިމް ކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ މިއަހަރު ޤާއިމު ކުރެވި، މި ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެކަން ހާމަކުރައްވާފައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މަޢުލޫމާތު" ލިބުމުގެ މުހިންމުކަމެވެ.