ޚަބަރު

އޭއައިބީޑީގެ ކޯސްތައް އެކްރެޑިޓް ކުރުމަށް ޕީއެސްއެމުން ހުށައެޅުން


އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމެންޓް (އޭއައިބީޑީ)ން ހިންގާ ކޯސްތަކަކީ، މެމްބަރު ޤައުމުތަކުގެ ކޮލިފިކޭޝަން އޮތޯރިޓީތަކުން އެކްރެޑިޓް ކުރާ ކޯސްތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ހުށައަޅައިފިއެވެ. ޕީއެސްއެމުން މިކަން ހުށައަޅާފައިވަނީ މިހާރު ތައިލެންޑްގެ ޗަންގ މާއީގައި ކުރިއަށްދާ އޭއައިބީޑީގެ ޖެނެރަލް ކޮންފްރަންސް އާއި، އެސޯސިއޭޓަޑް ބައްދަލުވުމުގައެވެ.  

މިމަހުގެ 18 އިން 20 އަށް ކުރިއަށްދާ މި ބައްދަލުވުންތަކުގައި ޕަބްލިކް ސަރވިސް މީޑިއާގެ އިސް ވަފްދަކުން ދަނީ ބައިވެރިވަމުންނެވެ. 

މިބައްދަލުވުމުގެ މިއަދުގެ ސެޝަންގައި އޭއައިބީޑީ އިން މިއަހަރު ހިންގާ ތަމްރީނު ތަކާއި އަންނަ އަހަރު ހިންގަން ރާވާފައިވާ ތަމްރީނުތަކާ ބެހޭ މަޢުލޫމާތު މެމްބަރު ޤައުމުތަކާ ހިއްސާ ކުރެވުނެވެ. 

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ، އޭއައިބީޑީ އިން ބާއްވާ އޭޝިއާ މީޑިއާ ސަމިޓް ގެ ފެށުމާއި ނިމުން ލައިވްކޮށް މެމްބަރު ޤައުމުތަކަށް ފެންނާނެ ގޮތެއް ހެދުމަށާއި، ހުށަހެޅޭ ޕްރެޒެންޓޭޝަންތައް މެމްބަރު ޤައުމުތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވެސް މިއަދުގެ ސެޝަންގައި ޕީއެސްއެމްގެ ފަރާތުން ހުށަހަޅާފައިވާކަމަށެވެ. މި ހުށަހެޅުމާ ގުޅިގެން އަންނަ އަހަރު އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ހަމަޖެހިފައިވާ ދެކުނު ކޮރެއާ އިން މިކަމަށް މަސައްކަތް ކުރާނެކަން ހާމަ ކޮށްފައިވާކަމަށްވެސް ޚަލީލު ވިދާޅުވިއެވެ. 

ޕީއެސްއެމްގެ ޕްރޮޑިއުސަރ ޒާއިން މުޙައްމަދު ޒަހީން އުފައްދާ ކުޑަކުދިންނަށް ސައިންސް ދަސްކޮށްދޭ ރޭޑިއޯ ޕްރޮގްރާމް  "ސައިންސް ދަސްކުރަމާ"އަށް ލިބުނު އޭއައިބީޑީން ހޮވާ ބެސްޓް ރޭޑިއޯ  ޕްރޮގްރާމް އޮން ހައިލައިޓިން ސައިންސް ޓު ދަ ޕަބްލިކް" އެވޯޑްވެސް މިއަދު ވަނީ ޙަވާލުކޮށްފައެވެ. މިއެވޯޑާ ޙަވާލުވެވަޑައިގަތީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔާން ޝާހިދެވެ. 



މިބައްދަލުވުމުގައި، ޕީއެސްއެމްގެ ފަރާތުން ބައިވެރިވަމުންދާ ވަފްދުގައި ހިމެނި ވަޑައިގަންނަވަނީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު އާއި، ސީއޯއޯ މުހައްމަދު ސައީދުއެވެ. މިއަދުގެ ސެޝަނަށްފަހު ތައިލެންޑްގެ ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ އަދި ބޮޑުވަޒީރުގެ އޮފީހުގެ ޕީއެސްވަނީ  ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.  ޕަބްލިކް ސަރވިސް މީޑިއާ އަކީ އޭއައިބީޑީ ގެ ފުރިހަމަ މެމްބަރެކެވެ. އަދި މިހިނގާ ދައުރުގެ އެގްޒެކެޓިވް ކޮމިޓީގެ ގޮނޑިއެއްވެސް ޕީއެސްއެމުންދަނީ ފުރަމުންނެވެ.