ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ހައިކޯޓުން ކަނޑައަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާގައި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އާއި ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށްބުނެ އެވެ. އެ އަމުރު ކްރިމިނަލް ކޯޓުން ނެރުއްވީ އޭރު ރައީސުލްޖުމްޙުރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިއުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި އެވެ.
ފާރިސްގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލާގައި ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން އެހެން ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި އެ މައްސަލަ ރަޖިސްޓްރީކުރީ 6 ސެޕްޓެމްބަރ 2018ގައި އެވެ. އެ މައްސަލަ ހައިކޯޓުގައި އޮންނަތާ ދެ އަހަރުވުމާ ކައިރިވެފައިވަނިކޮށް އިއްޔެ ހައިކޯޓުން ކުރި ހުކުމުގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފާރިސް ހައްޔަރުކުރުމަށްފަހު، ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮއްވައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމުގައި ވާތީ އެ ކޯޓުއަމުރަކީ ޤާނޫނުއަސާސީއާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ އިޖުރާޢަތު ތަކެއްގެ ދަށުން ނެރެފައިވާ އަމުރެއްކަމުގަ އެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލް ކަމަށް ކަނޑައެޅުމުގައި ހައިކޯޓުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އޭރު އިއުލާންކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުން ހުއްޓާލާފައި ވަނިކޮށް ކްރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ މާއްދާތަކަށް ރިޢާޔަތްކޮށް ނެރެފައިވާ ކޯޓުއަމުރަކީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ އިޖުރާޢަތު ތަކެއްކަން ސާފުކޮށް އެގެން އޮންނަ ކަމަށް ބުނެފައިވެ އެވެ.
ހަމަ އެގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލު ކުރެވޭނެ ދުސްތޫރީ އަދި ޤާނޫނީ ހަމައެއް ނެތުމުން، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރުމަށްފަހު، ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮއްވައި ފާރިސްގެ ބަންދުގެ މުއްދަތުއިތުރުކޮށްފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ އަދި، ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލި ވަގުތުން ފެށިގެން، އަހްމަދު ފާރިސް މައުމޫން ބަންދުކޮށްފައި ހުރުމަކީ ގާނޫނުއަސާސީއާއި ޤާނޫނާއި ޚިލާފު ކަމެއްކަމަށް ވާތީ އެ އަމުރަކީ ބާޠިލް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.