މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ބޭނުންކުރާ މީހުން އަތުލައިގަތުމަށް ފުލުހުން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގައި ފާއިތުވި ތިން ދުވަސް ތެރޭގައި 12 މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ތަފާތު އެކި އޮޕަރޭޝަނުތަކުގައި އެވެ.
ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެ މައްސަލައިގައި 6 މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރޭގެ ވަގުތެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގދ.ތިނަދޫން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށެވެ. މިތަކެއްޗާއެކު އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްޕީޑް ބޯޓެއްގައި ތިނަދޫން އައްޑޫއަށް ދަތުރުކުރަނިކޮށްކަމަށް ފުލުހުން ވިދާޅުވެއެވެ.
ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ވަނީ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ.
މާޅެންދޫގައި ބިދޭސީއަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހާ ހައްޔަރުކުރީ މި ހޮނިހިރު ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ށ. އަތޮޅުގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި ވެސް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަނަކީ ށ. ބިލެތްފަހީގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެވެ. އެ މައްސަލައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެވެ. މިދިޔަ އާދިއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައި އެވެ.
މީގެ އިތުރުން ށ. ފޯކައިދޫގައި ބަޔަކު ބަނގުރާ އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ތެއްޔަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
މާލެއިން ފުރައިގެން ށ. ފުނަދުއަށް ދަތުރުކުރަމުންދާ ބޯޓަކުން ފުނަދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.
ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ބޯޓުން ގެނައި ތަކެތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގަމުންވެސް މަސްތުވާތަކެތި ވަނީ ހޯދާފައި އެވެ. މިދިޔަ އާދިއްތަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ގެއެއްގެ ކައިރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް އެކި އޮޕަރޭޝަންތައް ހިންގަމުންދާއިރު މިދިޔަ އަހަރު އެކަނިވެސް ފުލުހުންވަނީ 408.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަންފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މަސްތުވާތަކެއްޗާއި ގުޅޭ އެކި މައްސަލަތަކުގައި މިދިޔައަހަރު 1400 އަށްވުރެ ގިނަ މީހުން ރާއްޖެއިން ވަނީ ހައްޔަރުކޮށްފައެވެ.