ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ފަސްވުމުން ރަނގަޅު ޓީމެއް އެކުލަވާލަން ވަގުތު ލިބިއްޖެ: ލަންކާ ކޯޗު


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްވުމަކީ ލަންކާ ހިތްހަމަޖެހޭ ކަމެއް ކަމަށް އެ ގައުމުން ބުނެފިއެވެ.

ކޯޗު އާމިރު އަލަޖިކް ބުނީ ލަންކާގެ ފުޓްބޯޅަ ބިނާކުރަންޖެހިފައިވާ ކަމަށާއި ރަނގަޅު ޓީމެއް އެކުލަވާލައި ތައްޓަށް ވާދަކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. މިހެންވެ މިހާރު ނަގާފައިވާ ޓީމުގެ ޕްރެކްޓިސްތައް ދިގުމުއްދަތަކަށް ކުރިއަށް ގެންގޮސް ގިނަ މެޗުތަކެއް ކުޅެ ޓީމު އެކުލަވާލަން މި ފުރުސަތުގެ ބޭނުން ލަންކާ އަށް ކުރެވޭނެ ކަމަށެވެ. އޭނާ އަދި ބުނީ ލަންކާގެ ކުލަބުތަކުގެ މެދުގައި ވާދަވެރި ލީގެއް އޮތުން މުހިންމު ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާއަށް ގިނަ ކުޅުންތެރިން މޮނިޓަރކޮށް ގައުމީ ޓީމު އެކުލަވާލަން ވަގުތު ލިބޭނެ ކަމަށެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރީ ކޯވިޑް-19ގެ ސަބަބުން ބަންގްލަދޭޝް އަށް އަންނަ ސެޕްޓެމްބަރު މަހު މުބާރާތް ބޭއްވެން ނެތުމުންނެވެ. ނަމަވެސް އަންނަ އަހަރު މުބާރާތް ބާއްވާނެ ތާރީހެއް ސާފުން އަދި އިއުލާނެއްނުކުރެއެވެ. މުބާރާތް އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ނުވަތަ ސެޕްޓެމްބަރުގެ ފަހުން ބާއްވަން އިންޑިޔާއިން އަންނަނީ ބާރު އަޅަމުންނެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ދިވެހިރާއްޖެއެވެ.