ޚަބަރު

ޖަމާއަތް މެދުކަނޑާލިތާ 104 ދުވަސް ފަހުން އަލުން ޖަމާއަތުގައި ނަމާދުކުރަން ފަށައިފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީހުން އެއްވެ އުޅުން މަދުކޮށް އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައި ވާއިރު، މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް މިދިޔަ މާޗް މަހުގެ 18ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ޙާލަތު ރަނގަޅުވެ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގެ ނަމާދު ކުރަންފަށާފައެވެ.

މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުސަތު ހުޅުވާލުމާއިއެކު މާލޭގެ މިސްކިތްތައް ފެނިގެން ދިޔައީ ފުރުނު މަންޒަރެވެ. އިރުއޮއްސެން ގާތްވި ވަރަކަށް ކުރަން ހުރި މަސައްކަތްތައް ދޫކޮށްލައި މިސްކިތާއި ދިމާލަށް އެންމެންވެސް މިސްރާބު ޖެހި މަންޒަރު ފެނުނެވެ. އެއާއެކު ފެނުނީ މިސްކިތްތަކުގެ ކައިރީގައި ހުރި ޕާކިން ޒޯންތައް ފުރާލާ މުސައްލަތައް ހިފައިގެން މިސްކިތައް ޖަމާޢަތައް އެރުމަށް އެންމެންވެސް އަވަސްވެގަތް މަންޒަރެވެ.

ގިނަ ދުވަސްތަކަކަށްފަހު އާންމުންނަށް ޖަމާޢަތުގައި ނަމާދުކުރުމުގެ އުފާ ލިބިގެން ދިޔައިރު ސަމާލުކަން ދޭންޖެހޭކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ އާންމުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި އިއުލާނުކޮށްފައެވެ.

މާލެ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދުކުރަން ފަށާއިރު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ. އަދި ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެއެވެ. މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ.

އިމާމުން ސަމާލުވާންވީ ކަންތައް
- ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ޤަމަތް ދީ ނަމާދު ފެށުން
- އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުން
- ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން

މިއަދު ޖަމާޢަތުގައި ނަމާދުކުރަން ފެށި އިރު އިސްލާމިކް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުންވެސް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްއަޅައި ސާފު ކުރުމާއި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތްތަކުގައި ހަމަޖެއްސުން ފަދަ ކަންކަން ކައުންސިލުން ހަމަޖައްސަން ޖެހެއެވެ.

ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން:
- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން
- ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއް ގައި ނޫނީ އެއާކޯން ބޭނުން ނުކުރުން
- އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މިސްކިތަށް ނަމާދަށްދާ އާންމުންވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހާމަކުރައްވާފައެވެ. އެގޮތުން ނަމާދަށްދާއިރު މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި މާސްކު އެޅުމާއި މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމާއި މިސްކިތުގަ ބަހައްޓާފައިހުންނަ ޚަތިމްތައް ބޭނުން ނުކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މިސްކިތަށް ނަމާދަށް ދާ އާންމުން ސަމާލުކަން ދޭންވީ ކަންކަން:
- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން
- މާސްކު އެޅުން
- މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމުން މިސްކިތްތައްވެސް ބަންދުކުރިއެވެ. ނަމަވެސް މެއި މަހުގެ 22 ވަނަ ދުވަހު ކޯވިޑް-19ގެ ނުރައްކާ ނެތް ރަށްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ހުޅުވާލިއެވެ. އަދި ފުރަބަންދަށް ލުއި ދިނުމަށްފަހު، މާލެ ސަރަހައްދުގައި ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.