ޚަބަރު

ޤާޟީ ޙަސަން ނަޖީބު ވަކިކުރަން މަޖިލީހަށް ހުށައަޅަން ނިންމައިފި


ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބުގެ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޤާޟީ ޙަސަން ނަޖީބުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައެޅި އަމިއްލަ ފަރާތަކުންނެވެ. އެ މައްސަލަ ނިންމާ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ޤާޟީ ޙަސަން ނަޖީބާ ގުޅޭ ގޮތުން ހުށައެޅި މައްސަލަ ބެލިބެލުމުން ޤާޟީ ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމާއި ގާނޫނާ ހިލާފަށް އަމުރު ނެރފައިވާކަން ކޮމިޝަނަށް ސާބިތުވާކަމަށެވެ.

އެގޮތުން އޭނާ ވަނީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ.ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވއެވެ. އަދި އެ ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބައިވެރިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބައްދަލުވުމެއް ބާއްވައި ޤާޟީ ޙަސަން ނަޖީބު ވާހަކަ ދައްކާފައިވާކަން އެ ކޮމިޝަނުން ބެލި ބެލުމުން އެންގެން އޮތްކަމަށްވެސް ޖުޑީޝަލް ސާރަވިސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.

" ޤާޟީ ޙަސަން ނަޖީބުގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9 ، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމިއެވެ." ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

މެޖިސްޓްރޭޓް ކޯޓްގައި ތަޙްޤީޤީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާޢީ ޢަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް ޤާޟީ ޙަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވުމަކީވެސް އޭނާ ވަކިކުރަން ހުށައަޅަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައިއެވެ.


ޖޭއެސްސީން ވަނީ އއ.އުކުޅަހު އިސްމެޖިސްޓްރޭޓް އަޙްމަދު މުއާވިޔަތު ޤާސިމްއާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާއަށް ނަސޭހަތް ދިނުމަށްވެސް ނިންމާފައެވެ.

ޖޭއެސްސީން ވިދާޅުވީ އެ ފިޔަވަޅު އެޅުމަށް ނިންމީ އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާ، އިސްމެޖިސްޓްރޭޓް މުއާވިޔަތު ބޭއްވި ގުޅުމަކާ ގުޅިގެންނެވެ. މި މައްސަލަގައި ޖޭއެސްސީން ނިންމި ނިންމުމުގައި ވަނީ ކޯޓަށް މައްސަލައެއް ހުށައެޅި މީހަކާ ބައްދަލުކޮށް އަދި ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވައިބަރު މެދުވެރިކޮށް އިސް މެޖިސްޓްރޭޓް ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި އެ މައްސަލަ ކޯޓުން މައްސަލަ ބަލައިގަތުމާއި، މައްސަލަ ކުރިއަށް ގެންދިއުމުގައި، މައްސަލަ ހުށަހެޅި ފަރާތަށް އިސްމެޖިސްޓްރޭޓް މަޢުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަން ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ. އިސްމެޖިސްޓްރޭޓް އަޙްމަދު މުއާވިޔަތު ޤާސިމް ނަސޭހަތް ދީ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު، މައްސަލައެއްގައި އެ ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފް ތަނާޒުލް ވާން ޖެހޭ ކަމެއްގައި، އެކަމުން ތަނާޒުލް ނުވެ ކުރިއަށް ގެންދިޔަކަމުގެ މައްސަލައެއް ބަލަންވެސް ޖޭއެސްސީން ވަނީ ނިންމާފައިއެވެ.