އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބާ ބެހޭ ގޮތުން ރާއްޖޭގެ ކެނޑިޑޭޓް މަރިޔަމް މުހައްމަދު (މާޔަން) ހުށަހެޅި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން (ކާސް)އިން ބަލަން ފަށައިފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އޭއެފްސީގެ އިންތިހާބުގައި ދެކުނު އޭޝިޔާގެ ޒޯނުގެ ގޮނޑިއަށް ވާދަކޮށް މާޔަން އަށް ވަނީ ނާކާމިޔާބުވެފައެވެ.
މާޔަން ހުށައެޅި މައްސަލާގައި ބުނެފައިވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް އޭއެފްސީގެ އިންތިހާބަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ.
މާޔަން ބުނެފައިވަނީ އިންތިހާބުގެ ކުރިން ޝައިހް ސަބާހް އޭނާއާ ބައްދަލުކޮށް ނަން އަނބުރާ ގެންދިއުމަށް އެދުނުކަމަށާއި އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ އޭނާ އާއި ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ގެއްލުންވާނެކަމަށެވެ. އަދި އިންތިހާބުގައި ވާދަނުކޮށް ނަން އަނބުރާ ގެންގޮސްފިނަމަ އޭއެފްސީ އާއި ފީފާއިން އޭނާ ބޭނުން ކޮންމެ މަގާމެއް ވެސް ހަމަޖައްސައިދޭނެކަމަށް ޝައިހް ސަބާހް ބުނިކަމަށްވެސް މާޔަންގެ މައްސަލާގައިވެއެވެ. . މީގެއިތުރުން މާޔަންއަކީ ފުޓްބޯޅައިގައި ކުރިމަގު އޮތް މީހެއްނޫންކަމަށް ވެސް ޝައިހް ސަބާހް ބުނެފައިވާކަމަށްވެސް މާޔަން ހުށައެޅި މައްސަލާގައިވއެވެ. މާޔަން ބުނީ ކާސް އަށް މައްސަލަ ހުށައެޅީ ފުޓްބޯޅައިގައި އަންހެނުންގެ ދައުރު މިނިވަންކަމާއެކު އޮންނަންޖެހޭ ކަމަށް ގަބޫލުކުރެވީކަމަށެވެ.