ކުޅިވަރު

ވީއޭއާރު އޮތީ އިތުބާރުކުރެވޭ ފެންވަރަކުނޫން: ބާޓޮމެއު


ފުޓްބޯޅައިގެ މުހިންމު ނިންމުންތައް ނިންމުމަށް ބޭނުންކުރާ ވީޑިއޯ އެސިސްޓަންޓް ރެފްރީ މިހާރު އޮތީ އިތުބާރުކުރެވޭ ފެންވަރެއްގައި ނޫން ކަމަށް ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއިން ބުނެފިއެވެ.

އެކުލަބުގެ ރައީސް ޖޯސެފް ބާޓޮމެއު މިހެން ވިދާޅުވީ އެތްލެޓިކް ކުލަބާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި ވީއޭއާރު ބަލައިގެން ދިން ޕެނަލްޓީއަކުން ރެއާލް މެޑްރިޑް މޮޅުވުމުންނެވެ. މީގެ އިތުރުންވެސް ބާސެލޯނާގެ ކުޅުންތެރިން ވަނީފާއިތުވެދިޔަ ދެތިން މެޗެއްގައި ވީއޭއާރު ބަލައިގެން ރެއާލް މެޑްރިޑަށް ފައިދާވާގޮތަށް ރެފްރީން ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން ރޭގެ މެޗަށް ފަހު ބާޓޮމެއު ވިދާޅުވީ ވީއޭއާރަކީ ރެފްރީއަށް އެހީތެރިވެދޭނެ އެއްޗަކަށްވާންޖެހޭނެ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. ބާޓޮމެއު ވިދާޅުވީ ވަކި ޓީމެއްގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި ނަމަވެސް ބާސެލޯނާއަށް ވީއޭއާރުގެ ސަބަބުން މާގިނަ ފައިދާތަކެއް ލިބިފައިނުވާ ކަމަށެވެ. މިއާ ހިލާފަށް އެއް ޓީމަކަށް މާބޮޑަށް ފައިދާވާތަން ބައެއް ފަހަރު ފެންނަ ކަމަށާއި މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

ސްޕެނިޝް ލީގުގައި ބާކި ފަސް މެޗު އޮތްއިރު ޓޭބަލުގެ އެއްވަނާގައި ރެއާލް މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެ ވަނާގައި އޮތް ބާސެލޯނާ ރޭ މޮޅުވީ ވެލެންސިއާ އަތުން 4-1 އިންނެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު ވެލެންސިއާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަދެފައިވާއިރު، އެންޓޮއިން ގްރިއެޒްމަން އާއި ލުއިސް ސުއަރޭޒް އަދި އަންސޫ ފަޓީ ވަނީ ގޯލް ޖަހައިފައެވެ.