ޚަބަރު

ލާލޭ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ލަޔާން ޢަލީ


ލާލޭ ޔޫތު އިންޓަނޭޝަނަލް ސުކޫލުން 2014 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ލަޔާން އަލީ ރަޝީދު ހޮވިއްޖެއެވެ. ލަޔާން ވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ނޭޝަނަލް ޓޮޕްޓެންގެ ހަތަރު ވަނައިގައި ވެސް ހިމެނިފައެވެ.  ލާލޭ ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަށް އިނާމާއި އެވޯޑް ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އާދަމް ޝަރީފެވެ. ރޭގެ ޖަލްސާގައި ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކައިގައި ރާއްޖޭގެ އެހެނިހެން ސްކޫލްތަކަށްވުރެ ލާލޭ ސްކޫލްގެ ދަރިވަރުންނަށް ލިބޭ ބައިނަލްއަޤްވާމީ ފުރުސަތުތައް ގިނަކަން ފާހަގަ ކުރެއްވިއެވެ. އަދި އެފަދަ ފުރުސަތު ތަކުގައި ދަރިވަރުން ހޯދާ ކާމިޔާބީ ތަކަކީ މުޅި ޤައުމަށް ލިބޭ ކާމިޔާބެއް ގޮތުގައި އާދަމް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. ސްކޫލްތައް ނިންމައިގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުން ހިފޭފަދަ ކުއްޖަކަށް ވުމަށް ޝަރީފް ގޮވާލެއްވިއެވެ. ލާލޭ ޔޫތު އިންޓަނޭޝަނަލް ސުކޫލް ގައި މިދިޔަ އަހަރު ޖުމްލަ ތިންސަތޭކަ ނުވަދިހަ އަށްކުދިން ކިޔަވާފައިވެއެވެ. އޭގެ ތެރެއިން ދުއިސައްތައަށްވުރެ ގިނަ ދަރިވަރުންނަށް އިންޓަރ ސްކޫލް އަދި އިންޓަރ ނޭޝަނަލް އެކި ހަރަކާތްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ސްކޫލުން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން މިދިޔައަހަރު އެސްކޫލްގެ ފަސް ދަރިވަރަކު އޯލެވެލް އިމްތިހާންގައި ބައިވެރިވެފައިވެއެވެ.