ޚަބަރު

ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ޖަގްދީޕް މަރުވެއްޖެ


ހިންދީ ސިނަމާތަކުގައި މަޝްހޫރު ކޮމޭޑިއަން ޖަގްދީޕް މަރުވެއްޖެއެވެ.

ޖަގްދީޕަކީ މިހާރު މަޝްހޫރު ކޮމޭޑިއަން ރޯލްތަކުން ފެންނަ ޖާވިދު ޖެފްރީއާއި ޓީވީ ޕްރޮޑިސަރ ނާވިދް ޖެޕްރީގެ ބައްޕައެވެ. އުމުރުން 81 އަހަރުގެ ޖަގްދީޕް މަރުވީ މުމްބާއީގައެވެ.

މުސްލިމް އާއިލާއަކަށް އުފަން ޖަގްދީފްގެ އަސްލު ނަމަކީ ސައިދް އިޝްތިއާގް އަހްމަދު ޖެފްރީއެވެ. ޖަގްދީޕް އޭނާގެ ފިލްމީ ކެރިއަރ ފަށާފައިވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބީއާރު ޗޯޕްރާ 1951ގައި ރިލީޒް ފިލްމު "އަފްސާނާ" އިންނެވެ. އޭގެ ފަހުން " އަބް ދިއްލީ ދޫރް ނެހީ" "މުންނާ" " އާރް ޕާރް" " ދޯ ބިގާ ޒަމީން" ގެވެސް ޗައިލް އާޓިސްޓެއްގެ ގޮތުގައި ޖަގްދީޕް ވަނީ މަސައްކަތްކޮށްފައެވެ.


އޭގެފަހުން ލީޑް އެކްޓަރެއްގެ ގޮތުގައި ވެސް ބައެއް ފިލްމްތަކުން ޖަގްދީޕް ފެނިގެން ގޮސްފައިވެއެވެ. ކޮމޭޑިއަންގެ ގޮތުގައި ޖަގްދީޕް ބޮލީވުޑް ސިނަމާތަކުގައި މަޝްހޫރު ވެގެންދިޔައީ 1968 ވަނަ އަހަރު ނުކުތް " ބްރަމް މަޗާރީ" އިންނެވެ. ޝައްމީ ކަޕޫރް ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމުގައި ޖަގްދީޕް ގެނެސްދިން ކޮމެޑީ ބައިން އޭނާއަށް ގިނަ ފިލްތަކުން ކޮމެޑީ ރޯލްތައް ލިބިގެންދިޔައެވެ.

ގިނަ ބަޔަކަށް ޖަގްދީޕް އެންމެ ބޮޑަށް ހަދާން ހުންނަނީ 1975 ވަނަ އަހަރު ނުކުތް ރަމޭޝް ސިއްޕީގެ ޝޯލޭއިންނެވެ. އެ ފިލްމުގައި ސޫރްމާ ބޯޕާލީގެ ރޯލުން ފެނިގެން ދިޔަ ޖަގްދީޕް ވަނީ ފަހުން އެނަން ދީގެން އަމިއްލައަށް ފިލްމެއް ޕްރޮޑިއުސްވެސްކޮށްފައެވެ. އެ ފިލްމުގައި ލީޑް ރޯލު އަދާކުރީވެސް އޭނާއެެވެ.

ބައެއް ބިރުވެރި ފިލްތަކުންވެސް ފެނިގެން ދިޔަ ޖަގްދީޕްވަނީ އެ ފިލްމުތަކުންވެސް ބައެއް ފޭނުންގެ ހިތުން ޖާގަ ހޯދާފައެވެ. ހާއްސަކޮށް ބޮލީވުޑްގައި އެންމެ މަޝްހޫރު އެއް ބިރުވެރި ފިލްމަކަށްވާ "ޕުރާނާ މަންދިރް" މި ފިލްމުގައިވެސް ޖަގްދީޕް ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

350 ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޖަގްދީފް އެންމެ ފަހުން ފިލްމަކުން ފެނިގެންގޮސްފައިވަނީ 2012 ވަނަ އަހަރު ރިލީޒްކުރި " ގަލީ ގަލީ ޗޯރާ ހޭ " މި ފިލްމުގައި ފުލުހުން ކޮންސްޓަބަލެއްގެ ރޯލުންނެވެ.

މިއަހަރު ބޮލީވުޑަށް ވެގެންގޮސްފައި މިވަނީ ހިތާމަވެރި އަހަރަކަށެވެ. ހިންދީ ސިނަމާތަކުގައި މަޝްހޫރު އެތައް ތަރިންނެއް މިދިޔަ ދެތިން މަހުގެތެރޭގައި ވަނީ މަރުވެފައެވެ. އޭގެތެރޭގައި ރިޝީ ކަޕޫރާއި އިރްފާން ހާނާއި ކުރިއަރަމުން އައި ޒުވާން ތަރި ސުޝާންތް ސިންގް ހިމެނެއެވެ. އަދި މަޝްހޫރު މިއުޒިކް ކޯމްޕޯސަރ ވާޖިދްހާން އަދި މަޝްހޫރު ކްރިއަރގްރާފަރ ސަރޯޖް ހާންވެސް ވަނީ ދާދިފަހުން މަރުވެފައެވެ.