ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންތަކެއް އެރަށުގައި ހުރި ސީލް މޯލްޑިވްސްގެ މުދަލަށް ގެއްލުން ދީފައިވާތީ ބަދަލު ހޯދަން ކޯޓަށް ހުށައެޅިދާނެކަން ކަނޑައަޅަން ސީލް މޯލްޑިވްސްއިން ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލަކު ވިދާޅުވީ އެ މައްސަލަ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ކޯޓުން ބަލައިގަތުމަށްފަހު އަދި މައްސަލަ ތާވަލުކޮށްފައިނުވާ ކަމަށެވެ.
ބޮޑުފިނޮޅު ރިޒޯޓުގެ ވެރިފަރާތްކަމަށްވާ، ސީލް މޯލްޑިވްސް އިން ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެރަށުގެ މަސައްކަތްކުރަން ހަވާލުކޮށްފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބިދޭސީންތަކެއް ގިނަ އަދަދެއްގެ މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
ސީލް މޯލްޑިވްސްގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް މުހްތާޒް މުހްސިން ވިދާޅުވީ ބަދަލު ނަގައިދޭން ހުށައަޅާދެވިދާނެ ކަމަށް ކަނޑައަޅަން ހުށައެޅި މައްސަލައިގައި ވަގުތީ އަމުރަކަށްވެސް އެދިފައިވާނެ ކަމަށެވެ. އެއީ އެރަށުގައި މި ވަގުތުވެސް ތިބި 189 ބިދޭސީން އެރަށުން ބޭލުމުގެ އަމުރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެރަށުގައި ތިބި މީހުންނަކީ ރިޒް ކުންފުނީގެ މުވައްޒަފުން ކަމަށް ރިޒް ކުންފުނިންވެސް ބުނެއެވެ. އެރަށުން އެމީހުން ނުގެންދެވި ތިބީ އެމީހުންގެ އެކޮމަޑޭޝަން ހަމަ ނުޖެއްސިގެން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ބޮޑު ފިނޮޅުގައި މިހާރު ތިބި މީހުންނަކީ އެރަށުގައި ހިންގި ހަމަ ނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 19 މީހުން ފިޔަވާ ބާކީ ތިބި މީހުންނެވެ. މުހްތާޒް ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށައަޅާނީ އެރަށަށް ލިބިފައިވާ ގެއްލުންތައް އަގު ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް އަދި މުދަލަށް ލިބުނު ގެއްލުމުގެ އަގުމަގު ނުކުރެއެވެ.
ބޮޑުފިނޮޅުގެ ހަމަނުޖެހުންތަކަށްފަހު ފުލުހުން ވަނީ ރިޒް ކުންފުނީގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ ތަހުޤީގުކުރަން ފަށާފައެވެ. އަދި މި މައްސަލާގައި އެެކުންފުނީގެ އެމްޑީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާގެ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.