ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓާއި ވިކްޓަރީ އެކަމުން އަރައިގަތުމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް އެފްއޭއެމުން ވެދޭނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދެ ކުލަބަށް އެފްއޭއެމަށް އެހީތެރިކަން ވެދެވޭނީ އެ ދެކުލަބުން އެއްބާރުލުންދޭ ވަރަކުން ކަމަށެވެ.
ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަނުދޭ މައްސަލާގައި ސަސްޕެންޑްކޮށްފައިވާ ދެ ކުލަބުން މުސާރައިގެ ކަންކަން ހައްލުކުރުމާއެކު ކުޅުންތެރިންނާއެކު އެއްބަސްވެވިއްޖެކަމަށް ދެ ފަރާތުގެ ސޮޔާއެކު ލިޔެކިއުން ފުރިހަމަކޮށްފިނަމަ މިކަމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.
ނަމަވެސް ނިއު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމުން އެކުލަބުން އެންމެ ފުރަތަމަ ކަމަކަށް ފީފާގެ ދަރަނި ހަލާސް ކުރަންޖެހެއެވެ. ނަމަވެސް ވިކްޓަރީގެ މައްސަލައަކީ އޭއެފްސީ ކުލަބު ލައިސަންސް ލިބިފައި ނެތުން ކަމަށްވާތީވެ އެކުލަބަށް އެފްއޭއެމާ ވާހަކަ ދައްކައިގެން ނިއުއަށްވުރެ ފަސޭހައިން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އެބައޮތެވެ.
ބައްސާމް ވިދާޅުވީ ވިކްޓަރީގެ މުސާރައިގެ ކަންކަން ހައްލު ކުރުމަށް އެފްއޭއެމުން ލޯނު އުސޫލުން ވެސް ފައިސާ ދީފައިވާ ކަމަށާއި ނަމަވެސް ސަސްޕެންޑްވި ހިސާބުން ވިކްޓަރީގެ ހަބަރެއް ނުވާ ކަމަށެވެ.