ޚަބަރު

ބައެއް މެމްބަރުން އިސްތިއުފާ، އެއްބަޔަކު ޗުއްޓީގައި، އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ހުރަސް


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސާ އާމިނަތު އީނާސާއި އެކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙަޢްމަދު މަޤާމުން އިސްތިއުފާ ދެއްވުމާއެކު މިވަގުތު އެކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެއެވެ.

(އެޗްއާރުސީއެމް)ގެ ރައީސާ އާމިނަތު އީނާސާއި މެންބަރު ޢާއިޝަތު އަފްރީން މުހަޢްމަދު މެމްބަރުކަމުން އިސްތިއުފާދެއްވާފައިވާކަން އެކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ދެބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އެކޮމިޝަނުގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތުދިނުމުގެ ގޮތުން އެކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކުރަން އެކޮމިޓީން އެޖެންޑާކޮށްފައިވަނިކޮށެވެ.

އެޗްއާރުސީއެމްގައި މިވަގުތު ތިބި 3 މެންބަރުންގެ ތެރެއިން މެންބަރު މޫސާ ޢަލީ ކަލޭފާނާއި ނައިވީން ޢަބްދުﷲ މިވަގުތު ތިބީ ޗުއްޓީގައެވެ. މި ދެބޭފުޅުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާން ދެމަސްދުވަހަށްވުރެ މުއްދަތުވަނީ ކުޑަވެފައެވެ. ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މިވަގުތު ހުންނެވީ ނާއިބު ރައީސް މުހަޢްމަދު ޒާހިދު އެކަންޏެވެ. އެހެން ކަމުން މިވަގުތު އެކޮމިޝަނުގެ މެންބަރުންގެ ކޯރަމްވެސް ހަމައެއް ނުވެއެވެ. އެހެންކަމުން ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިވަގުތު މިވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

5 މެމްބަރުން ހިމެނޭ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން މަޤާމުގެ ދައުރު ހަމަނުވެ ދެން ހުންނަވާނެ މެމްބަރަކީ ކޮމިޝަންގެ ނާއިބު މުހައްމަދު ޒާހިދެވެ. އެނާ ކޮމިޝަނަށް އައްޔަންކުރެއްވީ 2017ވަނަ އަހަރުއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ ހުޅުވާލައްވާފައެވެ.

މިދަނޑިވަޅު ރައްޔިތުންގެ މަޖިލީހުން އަންނަނީ އެކޮމިޝަންގެ މައްސަލަތަކެއްވެސް ބަލަމުންނެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުން ޒިންމާ އަދާ ނުކުރާއްވާކަމަށް ތުހުމަތުކޮށް މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ނިންމައި ޖަވާބުދާރީވުމަށް މެމްބަރުންނަށް މިއަދު ދިން ފުރުސަތުގައި މަޖިލީހުގެ ކޮމިޓީއަށް ވަޑައިގެން މިއަދު ޖަވާބުދާރީ ވެވަޑައިގެންނެވީ ނާއިބު ރައީސް މުހަޢްމަދު ޒާހިދު އެކަންޏެވެ.