ކޯވިޑް-19އާއި ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ އަދި އެންމެ ބޮޑު ޤުރުބާނީއެއްވަމުންދާ އެއް ބަޔަކީ ޞިއްޚީ ޚިދުމަތްތެރިންނާއި ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކެވެ.
ރާއްޖެއަށް ބަލާލުމުންވެސް ކަންއޮތީ ހަމަ މިފަދައިންނެވެ. ޞިއްޚީ ޚިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުގެ ޚިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ޙާލު، ޙާދިސާތަކާއި ކާރިސާތަކުގެ ވަގުތު ދަރުމަވެރިން އަދާކުރާ ދައުރަކީވެސް އަޅުގަނޑުމެން ބަލައިގަންނަންޖެހޭ ދައުރެކެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި ޞިއްޙީ ޚިދުމަތްތެރިންނެކޭ އެއް ސަފެއްގައި ގިނަ އަދަދެއްގެ ދަރުމަވެރިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ރިޕޯޓުގައި އެފަދަ ޒުވާން ދަރުމަވެރިއެއްގެ މަސައްކަތްތަކާއި ތަޖުރިބާ ހިއްސާކޮށްލާނަމެވެ.
ހދ. ނޭކުރެންދޫއަށް އުފަން ޢުމުރުން 22 އަހަރުގެ ޢަލީ އަލްވީންއަކީ ޓްރާންސްޕޯޓް އޮތޯރިޓީގައި ކަސްޓަމަރ ސަރވިސް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ޒުވާނެކެވެ. ސްކޫލުގައި ކިޔަވަން އުޅުނުއިރު އޭނާގެ ފުރަތަމަ އުއްމީދަކަށްވީ، ޓީޗަރަކަށްވުމެވެ. ނަމަވެސް ބޭބެ އޭރު ޓީޗިންގ ހަދަމުންދާތީ، އަލްވީން އޭނާގެ ވިސްނުން ޞިއްޚީ ދާއިރާއަށް ބަދަލުކޮށްލިއެވެ. އަދި ރަށު ސްކޫލުން ކިޔެވުން ނިންމުމަށްފަހު، ނޭކުރެންދޫ ހެލްތް ސެންޓަރުގައި މަސައްކަތްކުރި ދުވަސްވަރު އޭނާގެ ޝަޢުގުވެރިކަން ޕަބްލިކް ހެލްތް ނުވަތަ އާއްމު ޞިއްޚަތުގެ ދާއިރާއަށް އުފެދުނެވެ.
"ރަށު ޞިއްޚީ މަރުކަޒުގައި މަސައްކަތް ކުރި ދުވަސްވަރު، ޕަބްލިކް ހެލްތުގެ ކަންކަން ކުރާނެ ބަޔަކު ވަރަށް ނުތިބޭނެ. އެހެންވެ އަމިއްލައަށް އިސްނަގައިގެންވެސް ހުންނާނެ ބައެއް ކަންކަން ކޮށްފައި. އެހެން އުޅުމުގެ ތެރޭގައި ހިތަށް އެރީ މިވެސް ރަނގަޅު ފީލްޑެކޭ ކުރިއަށްދާން. މި ދާއިރާއިން އިތުރަށް ކިޔަވަން ބޭނުންވީމަ މާލެއައީ" އަލްވީން ބުންޏެވެ.
ސްޓޭންޑެޑް ފަސްޓް އެއިޑް ޓްރެއިންގއެއް ފުރިހަމަކުރުމަށްފަހު 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑްކްރެސެންޓުގައި ދަރުމަވެރިއެއްގެގޮތުގައި ހަރަކާތްތެރިވަމުންދާ އަލްވީން އަންނަނީ ޕަބްލިކް ހެލްތުގެ ދާއިރާއިން ޑިޕްލޮމާ ހަދަމުންނެވެ. އޭނާ އަންނަނީ ކޯވިޑް-19އާއި ދެކޮޅަށް ހަރަކާތްތެރިވާ ރެޕިޑް ރެސްޕޯންސް ޓީމް، އާރް.އާރް.ޓީގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްތަކަށެވެ. އާއިލާއާއި ރައްޓެހިންނާއި ވަގުތުނުދެވި، އެ މަސައްކަތުގައި އުޅޭތާ މިހާރު 4 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެއްވެސް ވަރުބަލިކަމެއްނެތި އަލްވީން އަދިވެސް ހުރީ ޤައުމީ ޚިދުމަތުގައެވެ.
ރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އަޅާފައިވާއިރު، ކޯވިޑް-19 ގެ އޮޕަރޭޝަންތަކަށް ޚާއްސަކޮށްގެން ސަރުކާރުން އުފެއްދި ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ދަރުމަވެރިއެއްގެ ގޮތުގައި އަލްވީން ހަރަކާތްތެރިވާން ފަށާފައި ވަނީ ފެބްރުއަރީމަހުގެ ތެރޭގައެވެ. އޭރަކު އަދި ސަރުކާރު އޮފީސްތަކެއް ބަންދެއްނުކުރެއެވެ. އެހެންކަމުން އެން.އޯ.އީ.ސީގެ މަސައްކަތްތަކަށް އޭނާ ވަގުތު ހުސްކުރަނީ ރަސްމީ ވަޒީފާ އަދާކުރުމަށްފަހުއެވެ. އެން.އީ.އޯ.ސީގައި ދަރުމަވެރިއެއްގެ ގޮތުގައި އަލްވީން ފުރަތަމަ ހަރަކާތްތެރިވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައެވެ.
އެހެންނަމަވެސް ރާއްޖެއަށް އެތެރެވާ މީހުން ސްކްރީންކޮށް، ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހުގެ މުއްދަތު ހަމަކުރަންޖެހޭގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަރުގަދަ ކުރަން ފެށި ހިސާބުން އަލްވީން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ އިމަރޖެންސީ ރެންސްޕޯންސް ޓީމުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެ ޓީމުގެ މައިގަނޑު މަސައްކަތަކަށްވީ، ރާއްޖޭގެ ޕޯޓުތަކުން އެތެރެވާ މީހުން ސްކްރީންކޮށް، އެމީހުންގެ މަޢުލޫމާތު އެއްކުރުމަށްފަހު ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމުވެ.
"އިމަރޖެންސީ ރެސްޕޯންސް ޓީމުގެ ވައިބަރ ގްރޫޕުގައި ލިސްޓު ހަދާނެ އާދެވޭ ކުދިން އަންނަން. ދެން ކަނޑައަޅާ ގަޑިއަކަށް އާދެވޭ އެންމެން ޖަމާވާނެ ކަލާފާނު ސްކޫލަށް. އެތަނުން ބްރީފްކޮށްދީފައި ފޮނުވާލާނީ ވީ.އައި.އޭއަށް. ދެން އެކޮޅު ޕޯޓް ހެލްތުގައި ހަރަކާތްތެރިވާނީ. ބައެއް ދުވަސްދުވަހު އިރުއޮއްސި 6 ޖަހާއިރު އެއަރޕޯޓަށް ދާގޮތަށް ދަންވަރު 3 ޖަހާފަހުންވެސް އާދެވޭ. ސީދާ ވަކި ގަޑިއެއް ނީންނާނެ އެހެން މަސައްކަތްކުރާކަށް. އެ ދުވަހަކު ޖައްސާ ފްލައިޓްތަކާއި އޭގެން އަންނަ ފަސިންޖަރުންގެ އަދަދަށް މަސައްކަތު ވަގުތުވެސް ދެމިގެންދާނީ" އަލްވީން ބުންޏެވެ.
އިމަރޖެންސީ ރެންސްޕޯންސް ޓީމުގައި ހަރަކާތްތެރިވިއިރު، މަސައްކަތް ނިންމާފައި ގެއަށް އާއިލާ ކައިރިއަށް ދެވެއެވެ. އެކަމަށް އޭރަކު މާ ބޮޑު ހުރަހެއްނެތެވެ.
ނަމަވެސް އޭރުވެސް ސާފުތާޙިރުކަމުގެ ގޮތުން ހިފަހައްޓަންޖެހޭ ކަންކަން ހިފަހައްޓާކަމަށް އަލްވީން ބުންޏެވެ. އެގޮތަށް އެއަރޕޯޓުގައި މީހުން ސްކްރީންކުރުމާއި، ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމަށް ހަރަކަތްތެރިވާން އުޅުމުގެ ތެރޭގައި ރެޕިޑް ރެސްޕޯންސް ޓީމް، އާރް.އާރް.ޓީ މީހުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ކިޓު ލައިގެން ފީލްޑުގައި ހަރަކާތްތެރިވާ މަންޒަރު ވަރަށް ގިނައިން ފެންނަކަމަށް އަލްވީން ބުންޏެވެ. އާރް.އާރް.ޓީގެ މަސައްކަތްތަކަށް އޭނާގެ ޝަޢުގުވެރިކަން އުފެދުނު ހިސާބަކީ އެއީއެވެ. އެއީ މިދިޔަ މާރިޗުމަހުގެ ތެރޭގައެވެ.
އާރް.އާރް.ޓީގެ މަސައްކަތްތަކަށް ޝަޢުގުވެރިކަން އުފެދުނު ހިސާބުން އަލްވީން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއަށް ގުޅާ އޭނާ އެކަމުގައި ހަރަކާތްތެރިވުމަށް ޝަޢުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ. އަދި އާރް.އާރް.ޓީގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް އެޗް.ޕީ.އޭއިން ދީފައިވަނީ މަސައްކަތްތަކާއި ގުޅޭ ޚާއްސަ ޓްރެއިނިންގއެއް ފުރިހަމަކުރުވުމަށްފަހުއެވެ. އަލްވީން ހިމެނުނީ އާރް.އާރް.ޓީއަށް ނެގި ދެވަނަ ބެޗުގެ ތެރޭގައެވެ.
"ޓްރެއިނިންގައި ކިޔައިދިން ޕީ.ޕީ.އީ އަޅާނެގޮތާއި، އޭތި ބާލާނެގޮތާއި، ޖެނެރަލް ރޫލްސްތައް. ދެން ސާމްޕަލް ނަގަން ގެންދާނެ ތަކެއްޗާއި، ސާމްޕަލް ނަގާނެގޮތާއި އެކަމަށް ތައްޔާރުވާނެގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދިން" އަލްވީން ބުންޏެވެ.
ޕީ.ޕީ.އީ އަޅާނެގޮތް:
- ފުރަތަމަ ލާނީ ސްކްރަބް (މިއީ ލައިގެން ހުންނަ ހެދުމުގެ ބަދަލުގައި ފީލްޑަށްދާއިރު ބޭނުންކުރާ ހެދުމެއް. އާއްމުކޮށް ހުންނާނީ ޕްލެއިން ފޮތީގައި ފަހާފައި)
- ގަންބޫޓަށް އެރުމަށްފަހު ދެއަތް ރަނގަޅަށް ސެނިޓައިޒްކުރުން
- އަންގި ލެއްވުން
- ޕީ.ޕީ.އީ ގައުން ލުން
- ފޭސްކް މާސްކް އެޅުން (އާރް.އާރް.ޓީގެ މެމްބަރުން ބޭނުންކުރާނީ N95 މާސްކް)
- ހެޑްކަވަރ އެޅުން
- ފޭސް ޝީލްޑް އެޅުން
- އަންގި ލެއްވުން (މިއީ ކުރިން އެޅި އަންގީގެ މަތިން އަޅާ އަންގިއެއް)
ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ގޭގެއަށް ދިއުމުގެ ކުރިން ފުރިހަމަކުރާ ގިނަ ކަންތައްތަކަކާއި، އެކަމަށްވާ ތައްޔާރީ އަލްވީން ވަނީ ޕީ.އެސް.އެމް ނިއުސްއަށް ހިއްސާކޮށްފައެވެ. އަދި އޭނާގެ ވާހަކައިން އެއީ ވަރަށް ރޭވުންތެރިކަމާއި ޚާއްސަ އިންތިޒާމްތަކަކާއެކު ކުރާކަމެއްކަން ހާމަވަގެންދިޔައެވެ.
އެގޮތުން ސާމްޕަލް ނަގަންދާ ޓީމަށް ފުރަތަމަ ލިބޭނީ އާރް.އާރް.ޓީ އެކްޓިވޭޝަން ފޯމެކެވެ. އޭގައި ސާމްޕަލް ނަގަންދާ ގޭގެ މަޢުލޫމާތާއި، އެ ގެއެއްގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތު ހިމެނެއެވެ. ސަމްޕަލް ކިޓްސްތައް ތައްޔާރުކުރަނީ އެ ފޯމުގައި ހިމެނޭ މީހުންގެ އަދަދަށް ބަލާފައެވެ.
ސާމްޕަލް ކިޓުގައި ހިމެނޭ ތަކެތި:
- 1 ނޭފަތަށްލާ ސްވެބް
- 1 އަނގަޔަށްލާ ސްވެބް
- 1 ޔޫ.ޓީ.އެމް (ސާމްޕަލްލާ މީޑިއާ)
- 1 ޒިޕްލޮކް ބޭގް (ސާމްޕަލް ނަގާފައި ރައްކާތެރިކަމާއެކު ލުމަށް)
އަލްވީން ކިޔައިދިންގޮތުގައި އެމީހުން ޕީ.ޕީ.އީ ކިޓް ލަނީ މިތަކެތި ހަމަކުރުމަށްފަހުއެވެ. އަދި އާއްމުކޮށް ދަނީ އެންމެ ގެއަކުން ސާމްޕަލް ނެގުމުގެ ބަދަލުގައި، ބަލްކުކޮށް ގިނަ ގޭގެއިން ސާމްޕަލް ނަގާގޮތަށް ތައްޔާރުވެގެންނެވެ.
ފީލްޑަށްދާން ތައްޔާރުވުމުގެ ކުރިން އާރް.އާރް.ޓީގެ ފަރާތުން ސާމްޕަލް ނަގަންދާ ގެއަކަށް ފޯނުން ގުޅާ، އެލާޓްކޮށްދެއެވެ. ޕީ.ޕީ.އީ ކިޓްލާ ނިމޭއިރު ސާމްޕަލް ނަގަންދާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާނެ މީހަކު ކަނޑައެޅި، ލޮކޭޝަނަށް ދިއުމަށް އެމްބިއުލާންސް އޮންނާނީ ރެޑީވެފައެވެ. ސާމްޕަލް ނަގަންދާ ޓީމުގައި ސާމްޕަލް ނެގުމަށް ތަމްރީން ކުރެވިފައިވާ މީހަކާއި، ސައިކޯސޯޝަލް ސަޕޯޓް ދޭނެ ފަރާތެއްވެސް ދެއެވެ.
"އެންމެ ފުރަތަމަވެސް ދިޔައީ ސަސްޕެކްޓެޓް ކޭސްއެއްގެ ސާމްޕަލްނަގަން ރިޒޯޓަކަށް. އޭރު އަލްވީންއާއި ހަވާލުވި ޓާސްކަކީ ޓީމު މަސައްކަތްކުރި ހިސާބު ޑީކޮންޓެމިނޭޓްކުރަން. އެދުވަހު އަލަށް ޕީ.ޕީ.އީ ލީވެސް. ވަރަށް ހޫނުވި. ހިއެއްނުކުރަން ކެތްވާނެކަމަކަށްވެސް. އެކަމަކުވެސް ހިތްވަރުކޮށްފައި އެމަސައްކަތް ކުރިން" އަލްވީންގެ ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.
އަލްވީންއަކީ ސައިކޮލޮޖީގެ ދާއިރާއިންވެސް އެޑްވާންސް ޑިގްރީ ޙާޞިލުކޮށްފައިވާ ޒުވާނެއްކަމުން، އާރް.އާރް.ޓީގައި އޭނާ އެންމެ ފުރަތަމަ ކުރީ ސައިކޯ ޝޯޝަލް ސަޕޯޓް ދިނުމުގެ މަސައްކަތެވެ. އެގޮތުން ސާމްޕަލް ނަގަންވީމަ ބައެއް މީހުން ހާސްވެ، ހިތް ބިރުގަންނަގޮތްވުމާއި، ސާމްޕަލް ދިނުމަށް ޖެހިލުންވުމާއި، އެކަމަށް ބައެއް މީހުން ދެކޮޅު ހަދާކަން ފާހަގަކުރެވޭކަމަށް އަލްވީން ބުންޏެވެ. އަދި އެފަދަ މީހުންނަށް ކުރަން މިއުޅެނީ ކީއްކަމާއި، ކަމުގެ ބޭނުމާއި މަޤުޞަދު އަދި މިއީ އެއްވެސް ގެއްލުމެއްނެތް ކަމެއްކަން ވިސްނައިދިނުމުގައި އަލްވީން ދިއައީ ހަރަކާތްތެރިވަމުންނެވެ.
އަލްވީން ކުރިއަށްދާން ބޭނުންވަނީ ޕަބްލިކް ހެލްތުގެ ދާއިރާއިންކަމުން، އޭނާ ހުރީ ކިޔެވުން ނިންމާ އެ ދާއިރާއިން މަސައްކަތް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނުވަތަ ދަސްވިކަމެއް ޢަމަލީގޮތުން ބޭނުންކުރެވޭނެ ދުވަހެއްގެ އިންތިޒާރެއްގައެވެ. ނަމަވެސް ކިޔެވުންވެސް ފުރިހަމަ ނުވަނީސް ޞިއްޙީ ބޮޑު ކާރިސާއެއްގެ ތެރެއިން، ޢިލްމީގޮތުން ދަސްވިކަންކަން ޢަމަލީގޮތުން މިހާ ކުއްލިގޮތަކަށް ތަޖުރިބާކުރަން ޖެހުމަކީ އޭނާ އުއްމީދުކޮށްގެން ހުރިކަމެއްނޫނެވެ. އެހެންކަމުން ޤައުމަށް ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި އަލްވީންވެސް ކަމަރުބަނީ މިއީ އޭނާގެ އަމިއްލަ ނަފްސުވެސް އިމްތިޚާނުކޮށްލަން ލިބޭ ފުރުޞަތެއްގެ ގޮތުގައެވެ. ދެކުނީ ޗެލެންޖެއްގެ ގޮތުގައެވެ.
ކޯވިޑް-19 އަކީ ކިހާ ނުރައްކާތެރި ބައްޔެއްކަމާއި، ބަލި ފެތުރޭގޮތާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް މިކަމުގައި އޮތް ނުރައްކާ އާރް.އާރް.ޓީގެ މެމްބަރުންނަށް ދެވުނު ތަމްރީންގެ ތެރެއިން ވަނީ ކިޔާދީފައެވެ. އެހެންކަމުން އަލްވީންވެސް މިކަމަށް ނުކުތީ ކަމުގެ ނުރައްކާތެރިކަން އެނގިހުރެއެވެ. އަލްވީން ބުނިގޮތުގައި ޕީ.ޕީ.އީއަަށް އޭނާގެ ފުރިހަމަ އިތުބާރު އޮތުމުން، ސަސްޕެކްޓެޓް ޕޭޝަންޓުންގެ ސާމްޕަލްތައް ނެގުމާއި، ފީލްޑް މަސައްކަތް ކުރުމަކަށް އޭނާ ކުޑަކޮށްވެސް ޖެހިލުމެއްނުވެއެވެ.
"ޕީ.ޕީ.އީއަށް އިތުބާރުކުރަން. ސަބަބަކީ ޕީ.ޕީ.އީ ރަނގަޅަށް އަޅައިގެން ހުރިއްޔާ، ވައިރަސްއަށް އެކްސްޕޯޒްވުމުގެ ފުރުޞަތެއް ނޯންނާނެ. ވަރަށް ކުރާހިތުން މިކަން މި ކުރަނީ. ހެނދުނަކަސް ހަވީރަކަސް ދަންވަރަކަސް ގޮވާލި ކޮންމެ އިރެއްގައި ރެސްޕޯންޑްކުރަން ތައްޔާރަށް މި ހުންނަނީ. މިގޮތަށް ރައްޔިތުންނަށް ޚިދުމަތެއްދެވޭތީ ވަރަށް ހިތްހަމަޖެހޭ" އަލްވީން ބުންޏެވެ.
ވަރަށް ހަގު އުމުރެއްގައި ވަޒީފާ އަދާކުރަމުން މަތީ ތަަޢުލީމަށް ކިޔެވުމާއި، ރެޑް ކްރަސެންޓުގައި ދަރުމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާތީ، ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަންޖެހުމަކީ އަލްވީންއަށް އައު ކަމެއްނޫނެވެ. ގްރޭޓަރ މާލޭ ސަރަޙައްދު ފުރަބަންދުކުރުމާއެކު ސަރުކާރު އޮފީސްތައް ބަންދުކުރުމުން، އަލްވީން މަސައްކަތްކުރާ އޮފީހުންވެސް ވަނީ އޭނާ ކޯވިޑް-19ގެ ކަންކަމަށް އޮފީހުން ވީއްލާފައެވެ. އޮފީހުގެ ވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަކީވެސް އޭނާއަށް މިކަން ކުުރުމަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި އަލްވީން ސިފަކުރެއެވެ. މިކަމުގެ ތެރެއިން އަލްވީންއަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގިނަ އިރުތަކެއް ވަންދެން ޕީ.ޕީ.އީ ކިޓު ލައިގެން ހުރުމެވެ.
ބައެއް ދުވަސްދުވަހު 6 ގަޑިއިރަށް ނުވަތަ 8 ގަޑިއިރަށް ޕީ.ޕީ.އީ ލައިގެން ސާމްޕަލް ނެގުމުގެ ކަންކަމުގައި ހަރަކާތްރެރިވާންޖެހޭއިރު، އެ ވަގުތުތަކުގައި އެއްޗެއް ކެއުމާއި ބުއިމާއި، ފާޚަނާކުރުމަކީވެސް ދަތިކަމެކެވެ. އެހެންކަމުން ކުރީ ސަފުގައި ހަރަތެރިވާ ޞިއްޚީ ޚިދުމަތްތެރިއެއްގެ ހައިސިއްޔަތުން އަލްވީންއަށް ކުރިމަތިވި އެންމެ ޗެލެންޖިންގކަމަކީ ޕީ.ޕީ.އީ އަޅައިގެން ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުންކަމަށް ޚުދު އަލްވީންވެސް އެއްބަސްވެއެވެ.
"6 ގަޑިއިރު 7 ގަޑިއިރު ޕީ.ޕީ.އީ ލައިގެން ހުރުން އެއީ އެހާ ފަސޭހަކަމެއްނޫން. މަތި މަތިން އެއްޗެހި އަޅައިގެން އުޅޭއިރު ވަރަށް ހޫނުވޭ. ފެން ބޮވާގޮތްވޭ. ފާޚަނާއަށް ދާން ބޭނުންވާނެ. އެކަމު ޕީ.ޕީ.އީ އެޅުމަށްފަހު އޭގެން އެއްވެސްކަމެއް ނުކުރެވޭނެ. ކެތްކޮށްލައިގެން ހުންނަން ޖެހޭނީ" އަލްވީން ބުންޏެވެ.
އަލްވީން ކިޔައިދިންގޮތުން ޕީ.ޕީ.އީ ލައިގެން އެހާ ގިނައިރު އުޅުންވީ ފުރަތަމަ އޭނާއަށް ވަރަށް އުނދަގޫވިކަމަކަށެވެ. އާރް.އާރް.ޓީގެ ލީޑަރުން އަބަދުވެސް ރީހައިޑްރޭޓް ވެގެން (ރަނގަޅަށް ފެންބޮއެ، ކައިގެން، ނިދިހަމަކޮށްގެން) ތިބުމަށް ނަޞޭހަތްތެރިވާކަމަށާއި، ފުރަތަމަކޮޅު އެކަން މެއިންޓެއިން ކުރަން ވަރަށް އުނދަގޫވިކަމަށް އަލްވީން ބުންޏެވެ. އެހެންނަމަވެސް އެކަމުގެ ތެރޭގައި އުޅެން ފެށުމުން ޕީ.ޕީ.އަށް މިހާރު ހޭނިފައިވާކަމަށް އޭނާ ބުނެއެވެ.
ގޭގެއަށް ސާމްޕަލް ނަގަންދިއުމަށާއި، އެކްޓިވް ސާމްޕަލްތައް ނެގުމަށްވެސް އާއްމުކޮށް ނުކުންނަނީ ބަލްކްކޮށް ސާމްޕަލް ނެގުމަށްކަމުން، ހަރަކާތްތެރިވާންޖެހެނީ ވަރަށް އަވަސް އަވަހަށް ކަމަށާއި، އޮޕަރޭޝަން ސްމޫތުކޮށް ގެންދެވެނީ ޓީމެއްގެގޮތުގައި ވަރަށް ގިނަ ބަޔަކު ވެގެން ކުރާ މަސައްކަތަކުންކަން އަލްވީން ފާހަގަކުރިއެވެ.
"ޕީ.ޕީ.އީ އަޅައިގެން ސާމްޕަލް ކިޓްތަކާ އެއްޗެހި ހިފައިގެން ޖެހިދާނެ 10 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކަށް އަރަންވެސް. ލިފްޓް ހުއްޓަސް ކޮންޓެމިނޭޓްވެދާނެތީ، ސިޑިބޭނުންކުރަނީ އަރައިފައިބާން. އެއީ މުޅި މީހާ ވަރަށް ވަރުބަލިކޮށްލާކަމެއް" އަލްވީން އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުންޏެވެ.
އަލްވީން ބުނިގޮތުގައި އާރް.އާރް.ޓީގެ ތެރެއިން އޭނާއަށް ދަސްވި އެންމެ މުހިއްމު ފިލާވަޅަކީ ޓީމެއްގެގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމާއި، ތަފާތު މިޒާޖުގެ މީހުންނާއިވެސް ކުރިމަތިލާ އެމީހުންނާއި މުޢާމަލާތްކުރާނެގޮތް ކަމަށެވެ.
މުސްތަޤުބަލުގައި އޭނާ ވާން ބޭނުންވަނީ ޕަބްލިކް ހެލްތުގެ ދާއިރާ ލީޑްކުރާ ޒުވާނަކަށްކަމަށްވުމުން، މިކަހަލަ ދަނޑިވަޅުތަކުގައި ކަންކަން ކުރަންޖެހޭގޮތާއި، ސިޓުއޭޝަން ހޭންޑްލްކުރުމާއި، މީހުންނަށް ރެޕިޑް ރެސްޕޯންސް ދޭންޖެހޭނެގޮތް ވަރަށް ބޮޑަށް ދަސްވިކަމަށް އަލްވީން ބުންޏެވެ. އަދި ކަންކަން ރާވާ، މެނޭޖްކުރާނެގޮތާއި، ރިސޯސަސް ޔޫޓިލައިޒްކުރާނެގޮތްވެސް މިކަމުގެ ތެރެއިން ދަސްވިކަމަށް އޭނާ ބުންޏެވެ.
އާރް.އާރް.ޓީ މީހުން ގޭގެއަށް ދަނީ ބަލި ހިފައިގެންކަމަށް ބައެއް މީހުންނަށް އަދިވެސް ހީވާކަން ފާހަގަކޮށް އަލްވީން ބުނީ، އެ ޓީމުން ކޮންމެ ގެއަކަަށްދަނީވެސް ރައްކާތެރިކަމުގެގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންކަމަށެވެ. އަދި ކޮންމެ މީހެއްގެ ސާމްޕަލް ނެގުމަށްފަހުވެސް އަންގިއާއި އޭޕްރަން ބަދަލުކުރާކަމަށް އަލްވީން ބުންޏެވެ.
"ކޮންމެ ގެއަކަށްދަނީވެސް ޕްރިކޯޝަންސްތައް ނަގައިގެން. އެކެއްގެ ގައިން ސާމްޕަލް ނެގުމަށްފަހު ދެވަނަ މީހާގެ ސާމްޕަލް ނަގަން ގައުންއާއި އަންގި ބަދަލުކުރަން. އަނެއްކާ ބަލްކްކޮށް ސާމްޕަލް ނަގަންދާނަމަ، އެއްގެ ނިންމާ އަނެއްގެއަށް ދާންވާއިރަށް ގައުންއާއި ފޭސް ޝީލްޑް އަލްކަހޯލް ބޭނުންކޮށްގެން ވައިޕްކޮށްހަދާނެ" އަލްވީން ބުންޏެވެ.
އަލްވީން ބުނިގޮތުގައި ސާމްޕަލްނަގާއިރު ބައެއް މީހުން ތަދުވާކަމަށް ބުނިނަމަވެސް، އޭނާއަށް އެކަން ކުރަންވީގޮތުގެ ރަނގަޅު ޓެކްނީކް ދަސްވެފައިވުމުން އޭނާއަށް ސާމްޕަލް ނެގުމުގައި މާބޮޑު އުނދަގޫތަކަކާއި ކުރިމަތިލާން ނުޖެހޭކަމަށެވެ. މިހާތަނަށް އައިއިރު ގިނަ ބައެއްގެ ސާމްޕަލްތައް ނަގާފައިވާއިރު، އުމުރުން އެންމެ 10 ދުވަހުގެ ކުއްޖެއްގެ ސާމްޕަލްވެސް ނަގާފައިވާކަމަަށް އަލްވީން ބުންޏެވެ. އަދި ކިތަންމެ ބުރަކޮށް މަސައްކަތް ކުރަންޖެހުންނަމަވެސް އެތެރޭން ވެފައިވާ ވަރުބަލިކަން ބޭރުފުށުން މީހުންނަށް ނުދެއްކުމާއި، ކޮންމެ މީހަކާވެސް ކުލުނާއި އަޅާލުމާއި ހިނިތުންވުމަކާއެކު ބައްދަލުކުރުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށް އަލްވީން ބުންޏެވެ.
"ގިނަ މީހުން ވަރަށް ސަޕޯޓިވްހަމަ. ވަރަށް ހިތްވަރުވެސް ލިބޭ ބުނެލާ ބަސްބަހުން. ބަޔަކަށް އަގުހުރި ޚިދުމަތެއްކޮށްދެވޭކަން ވަރަށް ބޮޑަށް އިޙްސާސްކުރެވޭ. ބިރުން ޖެހިލުންވާ މީހުންނަށްވެސް އަހަރުމެން ބަލަނީ އެމީހެއްގެ ލެވެލްއެއްގައި ވިސްނައިދެވޭތޯ. ދަތުނުވާނެކަމާއި މީގެން އެއްވެސް ގެއްލުމެއް ނުވާނެކަން ވިސްނައިދީ ކުޑަވަގުތުކޮޅެއް ވާހަކަދައްކާލީމަ ގިނަ މީހުން ހަމަޔަކަށް އެޅޭ ވަރަށް ފަސޭހައިން. ކުޑަކުދިންނާވެސް ކުޑަކޮށް ހީ ސަމާސާކޮށްލީމަ އޯކޭވޭ އެކުދިންވެސް" އަލްވީން ބުންޏެވެ.
ސާމްޕަލް ނެގުމަކުން އަދި އާރް.އާރް.ޓީގެ މަސައްކަތްތަކެއް ނުނިމެއެވެ. ސާމްޕަލް ނަގަންދަނީ ގެއަކަށްނަމަ، އެތަން ޑިސްއިންފެކްޓް ކުރުމަކީ އާރް.އާރް.ޓީގެ ޒިންމާއެކެވެ. ފީލްޑަށްގޮސް ނަގާ ސާމްޕަލްތައް ބަހައްޓަންޖެހެނީ ވަކި ފިނިހޫނުމިނެއްގައިކަމުން ޒިޕްލޮކްގައި ސާމްޕަލްތައް ބަންދުކުރުމަށްފަހު އެތަކެތި ލަނީ އައިސްޕެކްއަޅާފައިވާ ކޮންޓެއިނަރއަކަށެވެ. އެއަށްފަހު އެނބުރި ދަރުބާރުގެއަށް ދިއުމުގެ ކުރިން ފުރަތަމަ ދަނީ މަސްވެރިންގެ ޕާކުގައި ޕީ.ޕީ.އީ ބާލާ ޑިސްއިންފެކްޓްކުރުމަށް ޚާއްސަކޮށްފައިވާ ޑޮފިންގް ސްޓޭޝަނަށެވެ.
ސާމްޕަލްތައް ނަގައިގެން ގެނެސް ލެބޯޓްރީއަަށް ފޮނުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނަކަންވެސް އަލްވީން ފާހަގަކުރިއެވެ.
އެގޮތުން ދަތުރުކުރި ވެހިކަލުން ފެށިގެންގޮސް، ސާމްޕަލް ނެގުމުގައި ބޭނުންކުރާ ގަލަމާއި މާކަރުފަދަ ތަކެތިވެސް ޑީކޮންޓެމިނޭޓް ކުރަންޖެހޭކަމަށް އަލްވީން ބުންޏެވެ. އަދި ޕީ.ޕީ.އީ ބާލާއިރުވެސް އަމަލުކުރަންޖެހޭ ޑޮފިންގް ޕްރޮަސީޖަރއަކީ ވަރަށް ރައްކާތެރިކަމާއެކު ލަސްލަހުން ކުރިއަށްގެންދަންޖެހޭ ކަމެއްކަމަށް އޭނާ ބުންޏެވެ.
"ގައުން ބާލާއިރުވެސް ވަރަށް ބަލަންޖެހޭ. އެއީ އެއްވެސް ކޮމްޕްރޮމައިޒެއްކޮށްފިއްޔާ އިންފެކްޝަނަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާތީ. އެހެންވެ ވަރަށް ވިސްނައިގެން ގައުން ނައްޓާފައި ގަޔާ ދުރަށްވާގޮތަށް މަޑުމަޑުން އެތެރެ ފަރާތް ބޭރަށް ވާގޮތަށް ބޯޅައެއްހެން އޮޅާފައި ޓްރޭޝް ބިންއަށް ލާނީ. ކޮންމެ އެއްޗެއް ނައްޓުވާލުމަށްފަހު އަތް ސެނިޓައިޒް ކުރަންޖެހޭނެ" އަލްވީން ކިޔައިދިނެވެ.
ޑޮފިންގް ޕްރޮސީޖަރ ފުރިހަމަކުރުމަށްފަހު ދަރުބާރުގެއަށް ދަނީ ފެންވަރާ އެއްޗެހި ބަދަލުކޮށްގެންނެވެ. އަދި ސާމްޕަލްތައް ލެބަށް ފޮނުވުމުގެ ކުރިން ފުރަންޖެހޭ ފޯމެއްވެސް އޮވެއެވެ. އޭގައި ގޭގެއަށް ގޮސް ނަގާފައިވާ އައި.ޑީ ކާޑުތަކުގެ ފޮޓޯއަށް ބަލާ މަޢުލޫމާތު ފުރިހަމަކޮށް، ސާމްޕަލްތަކުގެ އަދަދުތަކާ ދިމާވޭތޯބަލާ، ލެބޯޓްރީތަކަށް އެތަކެތި ފޮނުވާލެވޭނީ، އެ ފޯމްތައް ޓެލީކުރުމަަށްފަހު ސާމްޕަލް ކެރިއަރތަކުގައި ފޯމު އެޓޭޖްކުރުމަށްފަހުއެވެ. ފުރަތަމަ ކޮޅު ފޯމު ފުރުމުގެ ހުރިހާ ކަމެއް މެނުއަލްކޮށް ކުރަން ޖެހުން ނަމަވެސް، މިހާރު އެކަމަށް ޚާއްސަ ޕޯޓަލެއް ބޭނުންކުރާތީ، އެ މަޢުލޫމާތުތައް ސާމްޕަލްތައް ފޮނުވާ ލެބްތަކަަށް ފެންނާނެއެވެ.
"ސާމްޕަލް ނެގުމަށް މިޝަންތަކަށް ދިއުމުގެ ކުރިންނާއި އެނބުރި އައުމަށްފަހުވެސް ބްރީފިންގ ސެޝަންތަކެއް ބާއްވާނެ މަސައްކަތް ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން. ފްލޯރ މެނޭޖަރ އެ ބްރީފިންގތައް ލީޑްކުރާނީ. އާއްމުކޮށް 4 ޝިފްޓަކަށް ބަހާލައިގެން އާރް.އާރް.ޓީގެ ބެޗްތައް މަސައްކަތްކުރަނީ. 8 ގަޑިއިރުގެ ޝިފްޓެއްގައި" އަލްވީން ބުންޏެވެ.
މިދިޔަ އޭޕްރީލްމަހުގެ 20 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ ސަރުކާރު އޮފީސްތައް އަލުން ހުޅުވާލުމާއި ހަމައަށްވެސް އަލްވީން އާރް.އާރް.ޓީގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔައީ އަމިއްލަ އާއިލާއާއި ދުރުގައެވެ. އަދި އަލުން އޮފީސްތަކާއި ސްކޫލްތައް ހުޅުވާލުމާއެކު އާރް.އާރް.ޓީގެ މަސައްކަތްތަކަށް މިހާރު މުޅި ދުވަސް ހުސް ނުކުރެވުނަސް ވަގުތުވީ ވަރަކުން އޭނާ އަދިވެސް އަންނަނީ އެ މަސައްކަތުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
މިކަމުގެ ތެރެއިން ކުރެވުނު ތަޖުރިބާގެ އަލީގައި އަލްވީން އާންމުނަނަށް ދޭން ބޭނުންވި މެސެޖަކީ ބަލީގެ ނުރައްކާ އަދިވެސް ކުޑަ ނޫންކަމަށާއި، އެޗް.ޕީ.އޭގެ އެންގުންތަކަށް ކަމޭހިތާ، އެޗް.ޕީ.އޭގެ މަސައްކަތްތަކަށާއި، ސާމްޕަލް ނެގުމަަށްދާ އާރް.އާރް.ޓީގެ މަސައްކަތްތަކަށްވެސް ހުރިހާ ފަރާތްތަކުން އިޙްތިރާމްކޮށް، އެކަމުގައި އެއްބާރުލުންދިނުމަށެވެ. އަލްވީން ޤަބޫލުކުރާގޮތުގައި މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެހެންކަމުން މިކަމުގައި މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާކަން އަލްވީން ފާހަގަކުރިއެވެ.