ވިޔަފާރި

އޯވަރބުކް ފްލައިޓްތަކާއެކު މާދަމާ ބޯޑަރު ހުޅުވާލަނީ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މާދަމާ އަލުން ބޯޑަރު ހުޅުވާލާއިރު އެކަމާ ގުޅުން ހުރި އިދާރާތަކަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ސިއްހީ އިދާރާތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ކަމާބެހޭ ފަރާތްތައް އަދި ސިވިލް އޭވިއޭޝަންގެ ދާއިރާގެ އިތުރުން ހާރިޖީ ވުޒާރާއިންވެސް މިކަމުގައި ދަނީ އެކި ގޮތް ގޮތުން ތައްޔާރުވަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ޤައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދުގެ ފިޔަވަޅުތަކާއިއެކު 27 މާރޗުގައި ރާއްޖޭގެ ބޮޑަރު ބަންދުކުރިއެވެ. ޒަރޫރީ ބޭނުމުގައި ތަކެތި ގެންނަ ފްލައިޓްތައް އަދި ރެޕަޓްރިއޭޝަން ފްލައިޓް ނޫން އެހެން ފްލައިޓެއް ވީއައިއޭއަށް މިމުއްދަތުގައި ނުޖައްސައެވެ.

ކޯވިޑް-19 ގެ ކޭސްތައް މަދުކޮށްް އިޤްތިސާދު އިތުރަށް ހުއްޓިފައި ނުބޭއްވޭނެތީ ބޯޑަރު ބަންދުކުރިތާ 110 ދުވަސް ފަހުން މާދަމާ ބޯޑަރު އަލުން ހުޅުވާލާއިރު މިކަމަށް ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާބެހޭ އެކި ފަރާތްތައް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނިއު ނޯމަލްގެ ދަށުން އަލުން ބޯޑަރު ހުޅުވާއިރު ޤައުމުގެ މައި ދޮރާށި ބަލަހައްޓާ ބެލެނިވެރި ފަރާތެއްގެ ގޮތުން މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ ލިމިޑެޓް އެމްއޭސީއެލްގެ ޒިންމާ ވަރަށް ބޮޑެވެ.

އެއަރޕޯޓް ސްޓާފުންނާއި އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށް މުޅި އެއަރޕޯޓުގެ ހިންގުން މިވަނީ ބަދަލުކޮށްފައެވެ. ނިއު ނޯމަލްގެ ދަށުން އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބަލާނެއެވެ. ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ހަނދާންކޮށްދޭ ނިޝާންތައް ވަނީ ހަރުކުރެވިފައެވެ. ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕާޓީޝަންވެސް ވަނީ ޖަހާފައެވެ.

އެއަރޕޯޓުގެ ތަންތަން ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް ޝެޑިއުލަކަށް ކުރިޔަށް ގެންދެއެވެ. ބޭރުގެ 12 އެއަރލައިނަކުން ރާއްޖެ އަންނަ ޝެޑިއުލްކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަތުރުވެރިން ގޮވައިގެން އަންނާނީ ގަތަރު އެއަރވޭސްގެ ފްލައިޓެެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤަތަރު އެއަރވޭސްގެ ފްލައިޓްތައް ވަނީ އޯވަރބުކްވެފައެވެ. އެހާވެސް ރާއްޖެ އަންނަން ބޭނުންވާ މީހުން ގިނައެވެ. ނިއު ނޯމަލްގައި ވީއައިއޭ ހުޅުވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމްއޭސީއެލްއިން ވަނީ ތައްޔާރުވެފައެވެ.

ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން މަދާމައިން ފެށިގެން 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. ޖުލައި 15 އަދި ހުޅުވާނީ ރިޒޯޓުތަކާއި ސަފާރީތަކެވެ. ނަމަވެސް ހޮޓެލްތައް އޯގަސްޓްގައި ހުޅުވާނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ.