110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ބޯޑަރު މިއަދު އަލުން ހުޅުވާލިއިރު އެންމެެ ފުރަތަމަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.
ޤަތަރު އެއަރވޭސްގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 8:25 ގައެވެ. މި ފްލައިޓުން ރާއްޖެ އައި 127 ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެއަރޕޯޓުގައި ފަތުރުވެރިންނަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ މިނިސްޓަރުންނާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަތަރު އެއަރވޭސްގެ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. އޭ 350 މަރުކާގެ މިފްލައިޓްގައި 127 ފަސިންޖަރުން ރާއްޖެ ދަތުރުކޮށްފައިވާއިރު، މީގެތެރޭގައި ހިމެނެނީ 100 ފަތުރުވެރިންނާއި، 27 ދިވެހިންނެވެ.
ރާއްޖެއަށް އައުމަށް ޤަތަރު އެއަރވޭސްއިން ފުރަތަމަ ޝެޑިއުލްކޮށްފައިވާ އޭ ތްރީ ޓުވެންޓީ މަރުކައިގެ ބޯޓެއް ކަމަށެވެ. ނަމަވެސް ބުކިންތައް ގިނަވުމުން ފަހުން ވަނީ ބޮޑު ފްލައިޓަކަށް ބަދަލުކޮށްފައެވެ.
އެމްއޭސީއެލްއިން މައުލޫމާތުދިން ގޮތުގައި ބޯޑަރު ހުޅުވާލުމުން ޤަތަރު އެއަރވޭސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް އަދި ސްރީ ލަންކަންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރާނެއެވެ. އަދި އަންނަމަހު ސިންގަޕޯރ އެއަރލައިނުންވެސް ރާއްޖެއަށް ދަތުރުތައް ފަށާއިރު އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއިބެހޭ ގޮތުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ނިއު ނޯމަލްގައި ވީ.އައި.އޭއަށް ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމް.އޭ.ސީ.އެލްއިން ވަނީ ތައްޔާރުވެފައެވެ. އަދި އެއަރޕޯޓުގެ ތަންތަން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކަނޑައަޅާ ވަކި ޝެޑިއުލެއްގެ ދަށުން އެކުންފުނިން ކުރަމުންދާނެއެވެ.
މިއަދުން ފެށިގެން އާއްމުންނަށް އެއާރޕޯޓަށް ވަދެ ނުކުތުމުގެ ހުއްދަ ލިބިގެންދާއިރު، ފަސިންޖަރުން ފުރުވުމަށާއި، ބަލައި އެއާރޕޯޓަށް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އެމް.އޭ.ސީ.އެލުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެހެން އެއަރޕޯޓަށް ވަޑައިގަންނަވަން ޖެހިއްޖެ ހާލަތެއްގައި އެއާރޕޯޓަށް ވަޑައިގަންނަވާއިރުވެސް މާސްކު އެޅުއްވުމަށާއި، އަދި އެއާރޕޯޓުގެ ތެރޭގައި އުޅުއްވާ ހުރިހާވަގުތެއްގައިވެސް މާސްކު އަޅުއްވައިގެން ތިއްބެވުމަށް އެމް.އޭ.ސީ.އެލްއިން އެދެއެވެ.
ބޯޑަރުތައް މިއަދު ހުޅުވާލާފައިވާއިރު ރާއްޖޭގައި ހިންގާ 166 ރިސޯޓުގެ ތެރެއިން 30 ރިސޯޓެއް ހުޅުވާލާ ޙިދުމަތްދޭން ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވަނީ ރިސޯޓުތަކާއި ސަފާރީތަކަށް އެކަންޏެވެ. ނަމަވެސް ހޮޓެލްތައް އޯގަސްޓްމަހު ހުޅުވާނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެފަހުން ވީ.އައި.އޭއަށް އޮޕަރޭޓްކޮށްފައި ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ހިފައިގެން އަންނަ ކާގޯ ފްލައިޓްތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށާއި ރާއްޖޭގައި ތިބި ބިދޭސީން އަނބުރި ޤައުމަށް ދިއުމަށް އޮޕަރޭޓްކުރި ފްލައިޓްތަކެވެ.