ވިޔަރެއާލް ބަލިކޮށް ރެއާލްމެޑްރިޑުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.
ރެއާލްއިން ޗެމްޕިއަންކަން ކަށަވަރުކުރީ ފްރާންސް ކަރިމް ބެންޒީމާގެ ދެ ގޯލުންނެވެ. މެޑްރިޑުން ރޭ މެޗު ކާމިޔާބުކޮށް ލީގު ނެގިއިރު ވާދަވެރި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި އޮސަސޫނާ އަތުން 2-1 ލަނޑުން ބަލިވެފައެވެ.
މިއީ ވޭތުވެދިޔަ ތިންއަހަރު ތެރޭގައި ލީގު މެޑްރިޑުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެޓީމުން ލީގު ނަގާފަވަނީ 2017 ވަނަ އަހަރު ސީޒަންގައި މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ކޯޗުކަމުގައެވެ. މިއީ ޒިދާންގެ ކޯޗުކަމުގެ މެޑްރިޑުން ހޯދި 11 ވަނަ ތިއްޓެވެ.
ރެއާލުން ލީގު ކަށަވަރު މިކުރީ ބާކި އެއްމެޗާ އެކުއެވެ. ރެއާލް މެޑްރިޑުން ލީގު ކުޅުން މިދިޔަ މަހު ފެށުނު ފަހުން ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮއްފައެވެ. ރޭގެ މެޗު ނިމުމާއެކު މެޑްރިޑަށް ވަނީ ލީގު ތަށި ހަވާލުކޮއްފައެވެ. މިއީ ލަލީގެ ޗެމްޕިއަންކަން މެޑްރިޑުން ހޯދި 34 ފަހަރެވެ. ވާދަވެރި ބާސެލޯނާއަށް މިތަށީގަ އަތްލެވިފަވަނީ 26 ފަހަރުއެވެ.