ކުޅިވަރު

އެއްވަނަ ކީޕަރު ކަނޑައަޅަން ސޯލްޝެއާ ފަސްޖެހިއްޖެ


އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭނެ މެންޗެސްޓާ ޔުނައިޓެޑްގެ އެއްވަނަ ކީޕަރު ކަނޑައަޅަން ކޯޗު އޮލެގަނަ ސޯލްޝެއާ ފަސްޖެހިއްޖެއެވެ.

އާއްމުކޮށް އެފްއޭކަޕް މެޗުތަކުގައި ޔުނައިޓެޑްގެ އަންގި ލައްވަނީ ބަދަލު ކީޕަރު އާޖެންޓީނާގެ ސާޖިއޯ ރޮމޭރޯއެވެ. ނަމަވެސް ޔުނައިޓެޑަށް ތައްޓެއް ހޯދުމުގެ އުއްމީދުއޮތް ހަމައެކަނި މުބާރާތުގެ މުހިންމު މެޗަށް މިރޭ ނެރޭނީ ރޮމޭރޯތޯ ނުވަތަ އާއްމުކޮށް އެއްވަނަ ކީޕަރުކަންކުރާ ޑޭވިޑް ޑެހެޔާތޯ އެހުމުން ސޯލްޝެއާ ބުނީ އަދި ޓީމު ފައިނަލް ނުކުރާ ކަމަށެވެ.

"ކުޅޭނީ ކޮން ބައެއްކަން ނިންމާނީ އެންމެ ފަހު ވަގުތު. އެންމެ މޮޅު ޓީމު މި މެޗަށް ނެރޭނީ. އަހަރުމެންނަށް މި މެމެޗާއެކު ލީގު މެޗުތައް ވެސް ވަރަށް މުހިންމު. މިހެންވެ ކުޅުންތެރިންގެ ފިޓްނަސްއާއި އެނޫން ގިނަ ކަންކަމަށް ބެލުމަށްފަހު ޓީމު ފައިނަލް ކުރާނީ،" ސޯލްޝެއާ ބުންޏެވެ.

މި މެޗުގައި ޔުނައިޓެޑްގެ ވާތު ބެކް ލޫކް ޝޯއަށް ނުކުޅެވޭނެ އެވެ. އޭނާގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނީ އޭނާގެ ޓީމުގެ މުހިންމު މިޑްފީލްޑަރު އެންގޯލޯ ކާންޓޭއަށް ވެސް މި މެޗުގައި ނުކުޅެވޭނެ ކަމަށެވެ. އަނިޔާގެ ސަބަބުން ޗެލްސީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ކާންޓޭ ނުކުޅެއެވެ.

މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ މެންޗެސްޓާ ސިޓީ ބަލިކޮށް ފައިނަލަށް ދަތުރުކުރި އާސެނަލްއާއެވެ.