މުނިފޫހިފިލުވުން

ސުޝާންތު އައު ލަވަ "ކުލްކޭ ޖީނާ" ސަޅި


ދާދީ ފަހުން މަރުވި ބޮލީވުޑް ޒުވާން ތަރި ސުޝާންތު ސިންގް ރާޖްޕުތުގެ ނުކުންނަން ތައްޔާރުވަމުން އަންނަ " ދިލް ބޭޗާރާ " އިތުރު ލަވައެއް ދައްކާލާފިއެވެ.

މި ފަހަރު ފިލްމު އުފައްދާ ފަރާތުން އާއްމުކޮށްފައިވަނީ ފިލްމުގައި ހިމެނޭ "ކުލްކޭ ޖީނާ" މި ލަވައެވެ. އަމީތާބް ބަޓްޗަރިޔާގެ ލިރިކްސް ހަދާ އަރްޖިތް ސިންގ އަދި ސަޝާސުބްލިމޭގެ އަޑުން ކިޔާދީފައި މި ލަވައަަށް މިއުޒިކް ހަދާދީފައިވަނީ އޭއާރު ރަހްމާނެވެ. މި ލަވަ ޔޫޓިބްގައި އާއްމުކުރިތާ ގަޑިއިރެއްގެ ތެރޭގައިވަނީ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބަލާފައެވެ.

ސުޝާންތް މަރުވުމުގެ ކުރިން އެެނާ ފުރިހަމަ ކުރި ފިލްމު " ދިލް ބޭޗާރާ " ރިލީޒްކުރުމަށް ހަމަޖެހިދައިވަނީ މިމަހުގެ 24 ވަނަދުވަހުއެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަަސް ހޮޓް ސްޓަރ އިންނެވެ. މި ފިލްމް ނެރޭ ފަރާތުން ވަނީ ސުޝާންތް ސަޕޯޓަރުން އުފާވެރި ހަބަރެއްވެސް ދީފައެވެ. އެގޮތުން ޑިޒްނީ ޕްލަަސް ހޮޓް ސްޓަރއަށް ސަބްސްކްރައިބް ކޮށްފައިނުވާ ސުޝާންތްގެ ސަޕޯޓަރުންނަށްވެސް ހިލޭ މި ފިލްމު ބަލާލެވޭނެއެވެ.

މި ފިލްމުގެ ތީމް ލަވަ " ދިލް ބޭޗާރާ " ވެސް ވަނީ ދާދިފަހުން ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މިލަވައަށްވެސް ގިނަ ބައެއްގެ ތައުރީފުވަނީ ލިބިގެން ގޮސްފައެވެ. ހާއްސަ ސުޝާންތްގެ ނެށުން ގިނަ ބަޔަކަށްވަނީ ކަމުގޮސްފައެވެ.

" ދިލް ބޭޗާރާ " އަކީ 2014 ވަނަ އަހަރު ނުކުތް ހޮލީވުޑްގެ ކާމިޔާބު ފިލްމް "ފޯލްޓް އިން އަވަރ ސްޓާސް" ގެ ރީމޭކެކެވެ. މި ފިލްމްގައި ސުޝާންތް އާއި އެއްކޮށް ލީޑްރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީއެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ސައިފް އަލީ ހާންވެސް ފެނިގެންދާނެއެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗަބްރާއެވެ.

އުމުރުން 34 އަހަރު ސުޝާންތަ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 14 ވަނަދުވަހުއެވެ. އޭނާގެ މަރާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ.