ކުޅުމުގެ ފުރުސަތު ނުލިބުނަސް ގެރެތް ބޭލް އަންނަ ސީޒަނުގައި ވެސް ހުންނާނީ ރެއާލް މެޑްރިޑުގައި ކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.
ވޭލްސްގެ ގައުމީ ކެޕްޓަންގެ އެޖެންޓް ގޮނަތަން ބާނަޓް ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޓިމުގައި ތިބި އެހެން ކުޅުންތެރިންނަށްވުރެ އޭނާގެ ފެންވަރު ދެރަވެގެން ނޫން ކަމަށެވެ. ފެންނަ ފެނުމަށް ކުޅުމުގެ ފުރުސަތު ނުލިބޭތީވެ މާޔޫސްވެފައިވާ ބޭލް، ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެއެވެ.
"ބޭލް ހުރީ ކުލަބުގައި ހިތްހަމަޖެހިގެން. ލޯނެއްގެ ގޮތުގައި ވެސް ނުވަތަ އެނޫން ގޮތަކަށް ވެސް އޭނާ ކުލަބު ބަދަލެއް ނުކުރާނެ. މެޑްރިޑުގައި ދިރިއުޅެން އޭނާ ލޯބިކުރޭ. އަދި އޭނާހުރި ޓީމަށް އަރަން ވާދަކުރަން ތައްޔާރަށް. އޭނާ ޓީމަށް ނާރަނީ އޭނާއަށްވުރެ މޮޅު ކުޅުންތެރިން ތިބެގެނެއްނޫން. (ކޯޗު) މިސްޓަރ ޒިދާން އޭނާ އަށް ފުރުސަތު ނުދެނީ. އޭނާ ޓީމުގައި ކުޅޭނީ ޒިދާން ފުރުސަތުދީގެން،" އެޖެންޓް ބުންޏެވެ.
ޒިދާން ދާދި ފަހުން ބުނީ ބޭލްއަށް ކުޅުމުގެ ފުރުސަތު ނުލިބެނީ ޒާތީ މައްސަލައެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ޓެކްނިކަލީ ނިންމަންޖެހޭ ނިންމުންތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ.
ބޭލް ވިއްކާލަން ރެއާލްއިން މި ސީޒަން ފެށުމުގެ ކުރިން މަސައްކަތް ކުރިއެވެ. ނަމަވެސް 31 އަހަރުގެ މިޑްފީލްޑަރުގެ މުސާރައަކީ ގިނަ ކުލަބުތަކަށް ދެވޭވަރަށްވުރެ ބޮޑު މުސާރައެކެވެ. އަދި ރެއާލްއިން ފަހު ވަގުތު އޭނާ ޓީމުގައި ބެހެއްޓި އަނެއް ސަބަބަކީ ބޭލް ޓީމް ދޫކޮށްލަން އެއްބަސްނުވުމާއެކު އޭނާ ވިއްކާލަން އެކަށީގެންވާ އަގެއް ނުލިބުމެއެވެ.