ޚަބަރު

ދިއްފުށި ކައިރިން ބޭރުގެ މަސްބޯޓެއް ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި


މާލެއަތޮޅު ދިއްފުށި ކައިރިން ބޭރުގެ މަސްބޯޓެއް ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިއްފުއްޓާއި ދިމާލު ބޭރުން ބޭރުގެ މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަންކުރަމުންދިޔަ ދެ ދޯންޏަކުންކަމަށެވެ.

އަސަރީ ދޯންޏާއި ކިންގފިޝަރ ނަމަކަށް ކިޔާ ދެ ދޯނިން އެމްއެންޑިއެފް ކޯސްޓްގާޑް އެމްއާރުސީސީއަށް ދިނުމުން ކޯސްޓްގާޑުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާއިރު މިކަމުގެ އިތުރު ތަފްސީލެއް އަދި ލިބިފައިނުވެއެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ. އަދި މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ދެމުންއަންނަކަން ކޯސްޓްގާޑުން ފާހަގަކުރައްވަފައެވެ.