ދުނިޔޭގެ ވިޔަފާރި

ޔޫރަޕިއަން ކޮމިޝަންއިން ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރެއް އައްޔަންކޮށްފި


ޔޫރަޕިއަން ކޮމިޝަންއިން ފުރަތަމަ ފަހަރަށް ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރެއް އައްޔަންކޮށްފިއެވެ.

ޔޫރަޕިއަން ކޮމިޝަންއަކީ ޔޫރަޕިއަން ޔޫނިއަންގެ މައިގަނޑު މަސައްކަތްތައް ތަންފީޒުކުރާ އެގްޒެކްޓިވް ބްރާންޗެވެ.

ޔޫރަޕިއަން ކޮމިޝަންއިން ފުރަތަމަ ފަހަރަށް ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރެއް އައްޔަންކޮށްފައިވާއިރު، އެމަޤާމަށް އައްޔަންކޮށްފައިވަނީ ފްރާންސްގެ އިޤްތިޞާދީ މާހިރެއްކަމަށްވާ ޑެނިސް ރެޑޮނެޓްއެވެ. އެމަޤާމުގެ މަސްއޫލިއްޔަތުތައް އޭނާ އަދާކުރައްވާނީ އީޔޫގެ ޑައިރެކްޓޮރޭޓް ޖެނެރަލް ފޮރ ޓްރޭޑްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލްގެ ހައިސިއްޔަތުންނެވެ.

އީޔޫގެ ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި އީޔޫގެ ސިޔާސަތައް ތަންފީޒުކުރުމާއި ސިޔާސަތުތަކަށް އަމަލުކުރާކަން ޔަޤީންކުރުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރީގައި އީޔޫ މެމްބަރު ޤައުމުތަކަށް އިތުރު ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަކީވެސް ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރުގެ ޒިންމާއެކެވެ.

އީޔޫގެ ޗީފް ޓްރޭޑް އެންފޯސްމަންޓް އޮފިސަރުގެ މަޤާމަށް ޑެނިސް ރެޑޮނެޓް އައްޔަންކޮށްފައިވާއިރު، މަޤާމުގެ މަސްޢޫލިއްޔަތުތަކާ އޭނާ ޙަވާލުވަނޭ ދުވަހެއް އިޢުލާންކުރާނީ ފަހުންނެވެ. އޭނާ މިހާރު އަދާކުރަމުންދަނީ ޑަބްލިޔުޓީއޯގެ ލީގަލް އެފެއާޒް އެންޑް ޓްރޭޑްގެ ޑައިރެކްޓަރގެ މަޤާމެވެ. އޭގެކުރިން އޭނާ ވަނީ ޑަބްލިޔުޓީއޯއާއި އީޔޫ ޓްރޭޑް ކޮމިޝަންގެ އެކި މަޤާމްތައް އަދާކުރައްވާފައެވެ.