ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް އިތުރު މާލީ އެހީތައް ފޯރުކޮށްދޭން އިންޑިއާއިން ނިންމައިފިއެެވެ.
އިންޑިއާއިން މިކަން އިއުލާންކޮށްފައި ވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައި ރާއްޖޭގެ އިޤްތިސާދަށް އެހީތެރިވެދީ، ކޯވިޑް-19 ގެ ސަބަބުން އައިސްފައިވާ އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށާއި، ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިންޑިއާ ސަރުކާރުން އެހީތެރިވަމުންދާނެކަމަށެވެ. މިހާތަނަށް އައިއިރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނާއި، މެޑިކަލް ޓީމް، ޒަރޫރީ ކާބޯތަކެތި އަދި މާލީ ގޮތުން އެހީތެރިކަަން ފޯރުކޮށްދީފައިވާކަން ހައިކޮމިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއެކު ވެފައިވާ "ކަރަންސީ ސްވޮޕް" އެގްރީމެންޓުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް މާލީ އިތުރު އެހީ ފޯރުކޮށްދޭން ނިންމާފައިވާއިރު، މާލީ އެހީގެ ތަފްސީލް އިންޑިއާއިން ފަހުން ހާމަކުރާނެއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި އެގްރީމަންޓަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ބައެކެވެ.
ރައީސް ޞާލިހުގެ ރަސްމީ ދަތުރުފުޅުގައި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ދަށުން މިހާތަނަށް ރާއްޖެއަށް ވަނީ އިންޑިއާ ސަރުކާރުން އެކި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ރާއްޖެއަށް ސީދާ ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ 2019 ވަނަ އަހަރު ވަނީ ފޯރުކޮށްދީފައެވެ.
މީގެއިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމް.އެމް.އޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދީފައިވެއެވެ. އަދި ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ފަންޑުކުރުމަށްޓަކައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްވެސް ވަނީ ދޫކޮށްފައިވެއެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާތަނަށް ބޮޑު 8 މަޝްރޫޢެއް ހިންގާފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ އިތުރުންވެސް އިންޑިއާއިން އަންނަނީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމް"ގެ ދަށުން 12.6 މިލިއަން ޑޮލަރުގެ އިޖްތިމާއީ އަދި އިޤްތިޞާދީ އެކި މަޝްރޫއުތައް ހިންގަމުންނެވެ.