ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު ދިވެހިންގެ ޢަދަދު 1500އިން މައްޗަށް


މިއަދު ރާއްޖެއިން 67 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ބަލި ޖެހުނު ދިވެހިންގެ ޢަދަދު 1500އަށްވުރެ އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6:00 އިން މިރޭ އިރުއޮއްސި 6:00 އާއި ހަމައަށް ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނޭކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑޮނޭޝިޔާގެ 3 މީހެއްގެ އިތުރުން އެމެރިކާ މީހަކު ހިމެނެއެވެ. އެމެރިކާ މިހާއަކީ ރާއްޖެއައި ފަތުރުވެރިއެކެވެ. މިއާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 3369 އަށް އިތުރުވެފައެވެ.

މީގެކުރިން ރާއްޖޭގައި ބަލިޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ މީހުން ނަމަވެސް ފުރަބަންދަށްފަހު މި ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވެ ބަލި ޖެހުނު ބަންގްލަދޭޝްގެ މީހުންނަށްވުރެ ދިވެހިންގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން މިއަދު ޕޮޒިޓިވްވިކަން ހާމަކުރި ދިވެހިންނާއެކު މިހާތަނަށް ބަލިޖެހުނު ދިވެހިންގެ ޢަދަދުވަނީ 1531އަށް އިތުރުވެފައެވެ. ބަލިޖެހުނު ބަންގަލަދޭޝް މީހުންގެ އަދަދަކީ 1472 އެވެ.

ރާޢްޖެއިން މި ބަލިޖެހުނު މީހުންގެ ތެރެއިން މިއަދު ރަނގަޅުވީ 13 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 2547އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 140 ދުވަސްވެފައިވާއިރު، މިހާތަނަށް މިބަލި ޖެހުނުމީހުން ދެނެގަތުމަށްވަނީ 74107 ސާމްޕަލް ނަގާފައެވެ.