ފަތުރުވެރިންނަށް ޚިދުމަތް ދެމުން އަންނަ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަކަށް ދާނަމަ 14 ދުވަހު ކަރަންޓީންގައި މަޑުކުރަންޖެހޭނެކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅިގެން ފަތުރުވެރިން މިހާރު ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންދާތީ އެ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކުން އެހެން ރަށަކަށް ދާނަމަ އެރަށަކަށްގޮސް 14 ދުވަހު ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އަދި އެކަން ރަށު ކައުންސިލަށް އަންގަންޖެހޭނެ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ކޯވިޑް ފެތުރެން ފެށުމާ ގުޅިގެން ރިސޯޓުތަކަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު ރިސޯޓުތަކުން މީހުން ފޭބުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލާފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު ނިންމާފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ އެރަށެއްގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމަށްފަހު އެޗްޕީއޭގެ ލިޔުމާއެކުގައިކަމަށެވެ.
އޭގެފަހުން ރިސޯޓުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކުގައެވެ. ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންގައި 14 ދުވަހު މަޑުކުރަންޖެހޭގޮތަށް ހަމަޖައްސާފައިވަނީ ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންނެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކުގައެވެ.