ކުޅިވަރު

10 އަހަރު ފަހުން ލީގުގެ 2 ވަނައިގައި އިންޓަރ މިލާނުން ލީގު ނިންމާލައިފި


10 އަހަރު ފަހުން އިޓާލިއަން ލީގުގެ ދެވަނައިގައި އިންޓަރ މިލާނުން ލީގު ނިންމާލައިފިއެވެ.

އިޓާލިއަން ލީގުގައި ރޭ އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މެޗު އިންޓަރ މިލާނުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންޓަރ މިލާނަށް ލަނޑުތައް ޖަހައިދިނީ ޑަނިލޯ އެންމްބްރޯސިޔޯގެ އިތުރުން އެޝްލީ ޔަންގްއެވެ. މި މޮޅާއެކު އިންޓަރ މިލާނުން ލީގު ނިންމާލީ 82 ޕޮއިންޓާއެކުއެވެ. މިއީ ޗެމްޕިއަން ޔުވެންޓަސް އަށްވުރެ އެއް ޕޮއިންޓް މަދު ޢަދަދެކެވެ. މިއީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި މިހާ ފަރަގު ކުޑަކޮށް ލީގުގައި އެންމެ ކުރީގައި އޮތް ދެޓީމުން ލީގު ނިންމާލީ ފުރަތަމަ ފަހަރެއެވެ.

ރޭގެ މެޗުން ބަލިވި އެޓަލަންޓާ ލީގު ނިންމާލީ 38 މެޗު ކުޅެގެން ހޯދި 78 ޕޮއިންޓާއެކުއެވެ. އަދި މި މެޗަކީ މިސީޒަންގައި ލަނޑެއް ނުޖެހި އެޓަލާންޓާއިން ނިންމާލި ތިންވަނަ މެޗެއެވެ. މުޅި ސީޒަންގައި އެޓަލާންޓާއިން ވަނީ 98 ލަނޑު ޖަހާފައެވެ. މިއީ ވޭތުވެދިޔަ 68 އަހަރުގެ ތެރޭގައި ސެރިއާގައި ރެކޯޑެކެވެ.

މި ސީޒަންގައި ދެން އެޓަލާންޓާއަށް އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު އޮންނީ ޕޯޗުގަލްގެ ލިޒްބަންގައެވެ. އަދި އިންޓާ މިލާނުން އަމިއްލަ ދަނޑުގައި އަންނަ ބުދަ ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ގަދަ ސޯޅައިގައި ސްޕެއިންގެ ގެޓާފޭއާ ދެކޮޅަށް ނުކުންނާނެއެވެ.