ކުޅިވަރު

އިބްރަހިމޮވިޗް އަންނަ ސީޒަނުގައި ވެސް އޭސީ މިލާނުގައި


ސްވިޑަންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އަންނަ ސީޒަނުގައި ވެސް ހުންނާނީ އޭސީ މިލާނުގައި ކަމަށް އެކުލަބުން ބުނެފިއެވެ.

މިލާނުގެ ސްޕޯޓިން ޑިރެކްޓަރު ޕައުލޯ މަލްޑިނީ ބުނީ އިބްރަހިމޮވިޗް ވަނީ ނިމިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށާއި އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ވެސް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އުމުރުން މިހާރު 38 އަހަރުގެ ފޯވަޑް އެމެރިކާ ލީގުން މިލާނަށް ބަދަލުވީ މި ސީޒަނުގެ މެދުތެރެއިންނެވެ. އޭނާ ވަނީ ސީޒަނުގެ ފަހު ހާފުގައި 10 ގޯލު ޖަހައި 8 އެސިސްޓްކޮށްދީފައެވެ. އަދި އޭނާގެ ކޮންޓްރެކްޓް ބުނާ ގޮތުން ވަކި ފެންވަރަކަށް ކުޅެ ގޯލު ޖަހައިފިނަމަ އޭނާގެ ކޮންޓްރެކްޓް އޮޓެމެޓިކަކުން އަންނަ ސީޒަނަށް އާވެގެންދާނެއެވެ. ނަމަވެސް ކޮންޓްރެކްޓްގައި ބުނާ މާއްދާތައް ފުރިހަމަވިކަމެއްނޫން ކަމެއް މަލްޑީނީ ނުބުނެއެވެ.

އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ލިބިފައިވާ މިލާނަށް އިބްރަހިމޮވިޗް ވަނީ މީގެ ކުރިން ކުޅެފައެވެ. އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އަދި ސްޕޭނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީއަށް ވެސް ކުޅުނު ފޯވަޑް މިފަހަރު ޖެހި ގޯލުތަކާއެކު އޭނާ ވެފައިވަނީ އިޓަލީގެ އިންޓަމިލާނާއި އޭސީމިލާނަށް 50 ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.