ކުޅިވަރު

ޔޫރޮޕަ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާނަން: އިންޓަރ މިލާން


އިޓާލިއަން ލީގުގެ ދެވަނަގައި ނިންމާލުމަށްފަހު ދެން ބޭނުންވަނީ ޔުރޮޕާ ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދަންކަމަށް އިންޓަރ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ ބުނީ ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނައިގަ އޮވެ ނިންމާލެވުމަކީ ކާމިޔާބީއެއް ކަމަށާއި ކަނޑައެޅުނު ޓާގެޓަށް ވާސިލުވެވުނުކަމަށެވެ. އޭނާ ބުނީ އަހަރުތަކަކަށްފަހު ލީގުގައި މިހާ ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަމަށެވެ. އެގޮތުން ކޮޕާ އިޓާލިޔާގެ ސެމީ ފައިނަލަށް އާދެވުމަކީވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ކޮންޓޭ ވަނީ ސިފަކޮށްފައެވެ.

އޭނާ ބުނީ ކުރިޔަށް އޮތް ޔުރޮޕާ ލީގުގައި މާބޮޑަށްވެސް އިންޓަރ މިލާން ތަފާތުވާނެ ކަމަށެވެ. އަދި ހުރިހާ ދިމާލަކަށް ބެލިނަމަވެސް ޓީމު ހޯދި ކުރިއެރުން ފެންނަން އޮތްކަން ކޮންޓޭ ފާހަގަކުރިއެވެ. ކޮންޓޭ ބުނީ އިންޓަ މިލާނުން އަދި ޓްރާންސްފާ މާކެޓުގައި އެއްވެސް ކުޅުންތެރިޔަކާ ވާހަކަ ނުދައްކާ ކަމަށެވެ. އޭނާ ވަނީ ލީގުގެ ފަހު މެޗަށްފަހު ކުލަބުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި 2017 އަހަރު އޮތް ހާލަތާއި މިހާރު ކުލަބު އޮތް ހާލަތަށް މާބޮޑު ބަދަލެއް ނާންނަކަމަށް ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ކުލަބުން ކުޅުންތެރިންނަށް ބަލަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި އޭނާގެ މަސައްކަތް ކުލަބުން ބަލައިގަންނަކަމަށް ގަބޫލް ނުކުރާކަމަށް ވެސް ކޮންޓޭ ވަނީ ބުނެފައެވެ. އެހެންނަމަވެސް ސީޒަން ނިމުމުން ކުލަބުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވެރިންނާއެކު މަޝްވަރާކުރާނެކަމަށް ކޮންޓޭ ބުންޏެވެ.

ކޮންޓޭގެ މި ވާހަކަތަކާއި ގުޅިގެން އަންނަ ސީޒަނުގައި އޭނާ ކުލަބުގައި ހުރުމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ކޮންޓޭ ކޯޗަކަށް ގެނައުމަށް ނުރަސްމީކޮށް ޔުވެންޓަސްއިން މަސައްކަތް ކުރަމުންދާކަމަށް ވެސް މީޑިޔާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ކޮންޓޭގެ ކުރިމަގާމެދު ގޮތެއް ނިންމާނީ ޔުރޮޕާ ލީގު ނިމުމުން ކަމަށް އިންޓަރ މިލާނުން ވަނީ ބުނެފައެވެ. ކޮންޓޭއާ ކުލަބާ މެދު މައްސަލަ ޖެހިފައިވަނީ މި ސީޒަންގައި ވަރުގަދަ ކުޅުންތެރިންނާއެކު މާއެކަށޭނެ ކާމިޔާބީތަކެއް ހޯދިފައި ނުވާތީއެވެ.

މި ސީޒަންގައި އިންޓަރ މިލާނުން ދެން އެންމެ އަވަހަށް ނުކުންނާނީ ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ގެޓާފޭއާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.