ކުޅިވަރު

ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލައިފި


މާލެ ސަރަހައްދުގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމުމާއެކު ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލައިފިއެވެ.

ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުރިޔަށްހުރި މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޤަައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިިދިޔަ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

މިއަދު ހަވީރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި އެއްވަގުތެއްގައި ފަސް މީހުނަށްވުރެއް ގިނައިން އެއްވެ އުޅުމަކީ މަނާކަމެއްކަމަށެވެ. އަދި ބަލި ފެތުރެމުންދާ މި ހާލަތުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުވަތަ މުބާރާތެއް ކުރިޔަށް ނުގެންދިޔުމަށް އެދޭކަމަށެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް ވިދާޅުވީ، އެޗްއީއޯސީން ނިންމި ނިންމުމާއި އެއްގޮތަށް މިރެއިން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. އަދި ޙާލަތަށް ބެލުމަށްފަހު ޔޫތް މިނިސްޓްރީއާއި އެޗްޕީއޭއާއި މަޝްވަރާކުރުމަށްފަހު އަލުން ޕްރެކްޓިސް ފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެކަމަށް ޖަވާޒް ވިދާޅުވިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްގެންދަން އެންމެ ފުރަތަމަ ނިންމާފައި އޮތީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ނަމަވެސް ފަހުން އެޗްޕީއޭއިން ޢާންމު ކުރި އުސޫލުގެ ދަށުން މިހާތަނަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްގެންގޮސްފައިވަނީ ޓީމު އެއްކޮށެވެ.

ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު 8 ވަނަ ދުވަހު ޤައުމުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅުމަށްފަހު ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ދިވެހިރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާއެވެ.