ކުޅިވަރު

އެންމެ މެޗަކުން މުސްތަގުބަލާމެދު ގޮތެއް ނުނިންމޭނެ - ސާރީ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯންއާ ދެކޮޅަށް ނުކުންނައިރު ހަމައެކަނި މިމެޗުން އޭނާ ކުލަބުގެ މުސްތަގުބަލާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިޔޯ ސާރީ ބުނެފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސްގެ ބައެއް ކުޅުންތެރިންނާ ސާރީއާ އޮތް ގުޅުން ގޯސްވެ އަންނަ ސީޒަނުގައި އޭނާ ކޯޗު ކަމުގެ ހުރެދާނެ ކަމާމެދު ސުވާލުވަނީ އުފެދިފައެވެ. އަދި މި ސީޒަން ނިމުމާއެކު ޔުވެންޓަސްގެ ކޯޗު ކަމުން ސާރީ ވަކި ކުރާނެކަމަށް އިޓަލީ މީޑިޔާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ސާރީ ބުނީ އެންމެ މެޗަކުން ކުލަބުގެ ކޯޗު މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ކަމަށް ގަބޫލުނުކުރާކަމަށެވެ. އޭނާ ބުނީ އެކަން ނިންމާނީ ކުލަބުގެ ވެރިންކަމަށާއި އޭނާ މަޑު ކުރާނީތޯ ނުނީ ބަދަލު ކުރާނީތޯ އެބާރު ހަމައެކަނި އޮންނާނީ ވެރިންގެ އަތްމަތީގައި ކަމަށެވެ. އަދި ޔުވެންޓަސް ކަހަލަ ޓީމަކުން އެންމެ މެޗެއްގައި އެކަހަލަކަމެއް ކޮށްފާނެކަމަކަށް އޭނާ ގަބޫލް ނުކުރާކަމަށްވެސް ސާރީ ބުންޏެވެ.

ސާރީ ބުނީ އަމާޒަކީ ގަދަ އަށަކަށް ކޮލިފައިވުން ކަމަށާއި އަކަން ކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބިކަމަށެވެ. މިމެޗާއި ކުރިމަތިލާއިރު އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. ލިޔޯން ބަލިވީ ފްރާންސް ލީގު ކަޕުގެ ފައިނަލުގައި ޕީއެސްޖީ އަތުންނެވެ. ޔުވެންޓަސް ބަލިވީ ލީގުގެ ފަހު މެޗުގައި ރޯމާ އަތުންނެވެ.

ހުސްވި ފެބްރުއަރީ މަހުގައި މިދެޓީމު ވާދަކުރި ފުރަތަމަ ލެގު ކާމިޔާބު ކުރީ ލިޔޯންއެވެ. ލީޔޯންގައި ކުޅުނު މެޗު ޔުވެންޓަސް މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.