ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ އަވޭ ގޯލުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ މައްޗަށް ކުރިހޯދައި ލިޔޯނުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު 1-2 އިން ޔުވެންޓަސް ކާމިޔާބުކުރި ނަމަވެސް، ކުއާޓާ ފައިނަލަށް ލިއޯން ދަތުރުކުރީ ދެ ޓީމު 2-2 އިން އެގްރިގޭޓުން އެއްވަރުވެ ރަށުންބޭރުގައި ލިޔޯން ޖެހި ގޯލުން އެޓީމަށް ކުރި ލިބޭތީއެވެ. ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލިޔޯންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.
ރޭގެ މެޗު ފަށައިގެން ބާރަ ވަނަ މިނެޓުގައި ލިޔޯނުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިޔޯންގެ ކުޅުންތެރިއަކަށް ޔުވެންޓަސްގެ ރޮޑްރީގޯ ބެންޓަންކުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މެމްފިސް ޑިޕާއި ކާމިޔާބުކޮށްދިން ލަނޑެކެއެވެ. މި ޕެނަލްޓީ ދިނުމާއެކު ޔުވެންޓަސްގެ ކުޅުންތެރިން ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށްބުނެ ރެފްރީ ކައިރި ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ.
މި މެޗުގައި ޔުވެންޓަސްއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެގޮތުން ފުރަތަމަ ހާފް ނިމެން ކުޑަތަންވެފައިވަނިކޮށް ޔުވެންޓަސްގެ މިރަލެމް ޕިޔަނިކް ފޮނުވާލި ހިލޭ ޖެހުމެއް އޭރިޔާ ތެރެއިން ޑިޕާއީގެ އަތުގައި ޖެހުމުން ޔުވެންޓަސް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ރޮނާލްޑޯ ކާމިޔާބުކޮށްދިނުމާއެކު ޔުވެންޓަސްއިން ފުރަތަމަ ހާފް ނިންމާލީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިޔޯންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޔުވެންޓަސްއަށް މި މެޗުގައި ލީޑު ނަގައިދިން ލަނޑު ފަސްދޮޅަސް ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ރޮނާލްޑޯ ވަނީ ޔުވެންޓަސް ކުއާޓާ ފައިނަލަށް ގެންދިޔުމާއި ފިޔަވަޅަކާއި ގާތަށް އެޓީމު ގެންގޮސްދީފައެވެ. ނަމަވެސް އިތުުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވުމުން ލިޔޯން ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެޓީމުގެ އަމިއްލަ ދަނޑުގައި ޖެހި ލަނޑާއެކު އަވޭ ގޯލުން ކުރި ހޯދުން ކުރި ލިބޭތީއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ލިޔޯން ނުކުންނަން ޖެހޭނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށް ދާނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގަ އެވެ. ކުއާޓާ އިން ފެށިގެން އެއް ލެގްގެ ނޮކްއައުޓް މެޗެއް ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެ އެވެ.