ރިޕޯޓް

ކުނިގޮނޑަކަށްވެފައި އޮތް އަތިރި ހިތްއުފާކޮށްލެވޭ ފަދަ ރީތި ގޮނޑުދޮށަކަށް


އައްޑޫ ސިޓީން : އިމާން ޝަފީގު

ހުދުކުލައިގެ ރީތި ދޮންވެލި ގޮނޑުދޮށްތަކާއި، ސާފު ވައި ލިބޭ ޖައްވަކީ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިގެންވާ އަގުނުކުރެވޭ ނިޢުމަތްތަކެކެވެ. ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށްތަކުގެ ޤުދުރަތީ ރީތިކަން ދިވެހިންގެ ލޯމަތިން ފޮހެވެމުން އަންނަކަމީ ހިތާމަކުރަންޖެހޭ ޙަޤީޤަތެކެވެ. އެގޮތުން ބައެއް ރަށްރަށުގެ ގޮނޑު ދޮށްތަކަކީ އަޅާނުލައި ދޫކޮށްލާފައިވާ، ކައިރި ހިސާބުތަކުގެ މީހުން ކުނިއަޅަން އޮންނަ ގޮނޑުތަކަށްވެސް ބަދަލުވެފައިވާތަން ފެންނަލެއް މަދެއް ނޫނެވެ.

ރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫސިޓީ މަރަދޫގެ އަތިރިމަތިތަކަށްވެސް ދިމާވެފައިއޮތީ މިފަދަގޮތަކަށެވެ.

އެހެންނަމަވެސް މީގެ ދުވަސްތަކެއް ކުރިން ކުނިން ފުރިފައިވާ މަރަދޫގެ އަތިރިމަތި މިވަނީ ހިތްފަސޭހަ މައިޒާނަކަށް ބަދަލުކޮށްލާފައެވެ. މަރަދޫގެ ޒުވާނުންނާއި، މަރަދޫ ރައްޔިތުންގެ އެއްބައިވަންތަކަމުގެ ރޫޙުން ގުޅިގެން ކުރި މަސައްކަތުން އެރަށުގެ އަތިރިމަތިތަކަށް މިވަނީ އުޖާލާކަން ގެނުވާފައެވެ. މިހާރު މަރަދޫގެ އަތިރި މައްޗަކީ ގިނަ ބަޔަކު ހިތްއުފާ ކޮށްލާ މޫދަށް އެރިލެވޭފަދަ ހިތްޤައިމު ތަނަކަށް މިވަނީ ބަދަލުކޮށްލާފައެވެ.

މަރަދޫގެ އަތިރިމަތި ބަދަލުކޮށްލި ޚިޔާލުގެ ވެރިޔާ، ޢުމުރުން 34 އަހަރުގެ އިބްރާހިމް ޢާތިފް، ޕީ.އެސް.އެމަށް މަޢުލޫމާތުދިން ގޮތުގައި އޭނާގެ ވިސްނުން އަވަށުގެ ރައްޔިތުންނާ ޙިއްސާކުރީ، އޭނާ ދިރިއުޅޭ ސަރަޙައްދުގެ އަތިރިމައްޗަކީ އެ އަވަށުގެ ކުދިންނަށް ކޮންމެ ވަގުތަކުވެސް މޫދަށް އެރިލައި، ހަވީރު ފިނީގައި ކުޅެ މަޖާކޮށް، ހިތްހަމަޖައްސާލަން ދެވެނޭ ތަނަކަށް ހެދިދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ.

"ޒަމާނުއްސުރެ އަތިރި މި އޮއްނެއި ކުނިއެޑައި، ކުނިގޮނޑައްގެގޮތެ ކުދިންނަށް ސިފަވެފެއި. އެހެންވެ އަތިރަކީ ބޭނުންހިފޭތަނަކަށް ހެދުމުގެގޮތުން އަސްލު އަފިރިން ތަންގަނޑި މީހުން އިސްނާގެން ފެށި މަސައްކަތައް މި މަސައްކަތަކީ." އިބްރާހިމް ޢާތިފް ބުންޏެވެ.

މި މަޤުޞަދުގައި އަވަށުގެ އެންމެން ނިކުމެ، އަތިރިމަތި ކުނިކަހައި ސާފުކޮށް، ތަނުގެ ބޭނުން އެދެވިގެންވާގޮތަށް ހިފޭނޭހެން ސާމާނު ބެހެއްޓުމުގެ މަސައްކަތް ފެށީކަމަށް ޢާތިފް މަޢުލޫމާތުދިނެވެ. އަދި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި އަތިރިމަތި ސާފުކޮށް ނިންމާ، ކުނި ނަގައި، "އެންމެންގެ އަތިރި" ނަމުން ނަންދީ، ޢާއްމުން ޒިޔާތަރްކުރުމަށް ހުޅުވާލީކަމަށް އޭނާ މަޢުލޫމާތުދިނެވެ.

ޢާތިފް އާއި "އެންމެންގެ އަތިރި" ޓީމުން ދައްކުވައިދިން މިނަމޫނާއިން ހިތްވަރުލިބިގެން، ރަށުގެ އެކި ސަރަޙައްދުތަކުގެ ރައްޔިތުން އިސްނަގައިގެން އެބަޔަކާއި އެންމެ ކައިރީގައިވާ އަތިރިމަތިތައް ސާފުކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ފަށައިގެންގޮސް، ބައެއް ސަރަޙައްދުތައް ނިންމައި، ޢާންމުންނަށް ހުޅުވާލާފައިވާކަމަށް ޢާތިފް މަޢުލޫމާތުދިނެވެ. އެގޮތުން "ތިރިފަޅާނޑި އަތިރި" އާއި "އެޅާނޑި ފަންނަ" އަކީ މިހާރު ސާފުކޮށް ނިންމާފައިވާ، ހިތްގައިމުކަމުން ފުރިގެންވާ، ކުޅިވަރާއި ސަޔަށްވެސް އިންސާފުކުރެވޭފަދަ މައިޒާންތަކެއްކަން ފާހަގަކޮށްލެވެއެވެ.

"މިތަން (އެންމެންގެ އަތިރި) ފެނި، މިތަނަށް އާސް މިތަން ބެލިމެއި، ކޮންމި ބާކިންނަށަސް މިކޯ އިހުސާސްތެބެވެއި ތިމާމެންގެދޮރެ ކަވަރިއެއި އޮންނެ ތަނަކީ (އަތިރަކީ) ތިމާމެންގެ ސަރަޙައްދެ މީހުންނަށް ބޭނުންހިފޭނެ ތަނަކަށް ހަމަ ހެދިއޭހެއްކަމަށް. މިކޯ މިއޮތީ ވަރަށް ބުރަ މަސައްކަތައް ކޮށްފެއި، ސައުފުކޮށް ނިންމަފެއި، މި އެންމެންނަށް އަތިރަށް އެރި ދިޔަގަނޑި ހަނަލާއް، ހުށިހެއި އުމުރުފުރާކި މީހުންނަށަސް އާސް މިތަނި މަޖާކޮށްލާއި ހިއްއުފާކޮށްލާއި އެބޭލެކަށް ތަން ތައްޔާރަކޮށް ނިމިފެއި. އޭ އަސްލު މި މަސައްކައް އަފިރިން ފެށި މަޤްސަދަކީ." އިބްރާހިމް ޢާތިފް ބުންޏެވެ.

މި އަތިރިމަތިތަކުގައި އުނދޯއްޔާއި، ޖޯލިފަތީގެ އިތުރުން، ސީބެޑާއި، ސާރފިން ބޯޑުވެސް ހުންނާނެކަމަށް ޢާތިފް ބުންޏެވެ. މި ތަކެއްޗަކީ މަސައްކަތުގެ ބައިވެރިން އަމިއްލަ ޚަރަދުގައި ހޯދި ތަކެތީގެ އިތުރުން އަތިރިމަތިތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ހަދިޔާކޮށްފައިވާ ތަކެތިކަމަށް އާތިފް ފާހަގަކުރިއެވެ. މަރަދޫގެ ތަފާތު ތިން ސަރަޙައްދެއްގެ އަތިރިމަތީގައި ހިތްގައިމު މާޙައުލެއް ޤާއިމުކުރެވުމާއިގުޅިގެން، ސިޓީގެ އެހެން އަވަށްތަކުގެ ރައްޔިތުންވެސް މިތަންތަނަށް މޫދަށްއެރިލާ، ދާންވަނީ ފަށާފައެވެ. ރަށުބަންދުގައި ތިބި ދުވަސްވަރު، ރަށުގެ ކުދިބޮޑު އެންމެންގެ ބައިވެރިވުން ހިމަނައިގެން ކުރި ބުރަ މަސައްކަތް، ގިނަ ދުވަހަށް ދެމިހުންނާނޭހެން، ކޮންމެދުވަހަކު ދެއިރު ރައްޔިތުން ނިކުމެ މިތަންތަނުގައި ކުނިކަހައި ސާފުކުރާކަމަށްވެސް ޢާތިފް ބުންޏެވެ. ނަމަވެސް ޖަމާކުރެވޭ ކުނި ނެގޭނެ ވަކި އިންތިޒާމެއް މިވަގުތު ހަމަޖެހިފައިނެތުމުން، ކޮންމެ ބަޔަކުވެސް އެއްކުރާ ކުނި އެބަޔަކު އަމިއްލައަށް ނެގުމުގެ ޒިންމާ އަދާކުރަނީކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އަތިރިމަތި ބޭނުންކުރާ ފަރާތްތަކުން އެތަންތަނަށް ކުނި ނޭޅުމަށް، ތަން ސާފްތާހިރުކޮށް ބޭއްވުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ނޯޓިސްތައްވެސް ޖާހަފައިވާ ކަމަށާއި، އަތިރިމަތި ބޭނުންކުރާ އެންމެންވެސް މި އިރުޝާދަށް ފުރިހަމައަށް އެއްބާރުލުންދޭކަމަށް ޢާތިފް ބުންޏެވެ. އަދި ތަނުގައި ހުރި މޫދު ކުޅިވަރަށް ބޭނުންކުރާ ސާމާނުވެސް ބޭނުންކުރުމަށްފަހު ހުންނަންވާ ތަނުގައި ބަހައްޓާފައިދާކަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.

"އަސްލު ވަރަށް ތަރުޙީބު ލިބެއި. މިކަމުން އެނގެނީ މީހުން މިކަހަލަ ކަންކަން ބޭނުންވެފެއި ތިބޭވަރަ. އޭގެ ހެއްކައް ގުޅިފެއި ތިބި ހުށިހެއި ރަށަކުން މީހުން އާސް ފަތުހެއިއެސް ހަވީރެއިއެސް މިތަނުގެ ބޭނުން ތެބެ ހިފަތާ." ޢާތިފް ބުންޏެވެ.

މަރަދޫގައި މިހާރުވެސް ފޯރިއާއެކު ކުރިއަށްދާ ގޮނޑުދޮށާއި އަތިރިމަތިތައް ސާފުކުރުމުގެ މަސައްކަތުގެ ފެށުން ވެގެންދިޔައީ ރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ވަރުގަދަވެ، އެންމެން އެއްތަނަކުން ބައްދަލުވެ، އެއް ރޫޙެއްގައި ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އެޅިގެންދިޔަ ބިންގަލަކަށެވެ. މަރަދޫގެ އަތިރިމަތިތަކުގައި ހުރި މައިޒާންތަކަކީ އެކި ޢުމުރުގެ މީހުން ހިތްހަމަޖައްސާލައި، ތާޒާ ވައިގެތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލަން، ޢާއިލާ ގޮވައިގެން ހަމަ ކޮންމެ ވަގުތަކުވެސް ދެވޭނެގޮތަށް ތައްޔާރުކޮށްފައިވާ ތަންތަނެވެ. މިހާރު އެއީ ރާއްޖޭގެ ރީތިކަން ދެކިލަން އަންނަ ފަތުރުވެރިންނަށް ފެންނަ ހިތްގައިމުކަން، ދިވެހިން އަމިއްލައަށް އިޙްސާސްކޮށްލަން ލިބެންއޮތް ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޝަޢުޤުވެރިކަން ބޮޑުކަމުން މިތަންތަނުގެ މަންޒަރު، މީސްމީޑިއާގައިވެސް އަންނަނީ ހިއްސާކުރަމުންނެވެ. މީގެކުރިން އައްޑޫސިޓީ މީދޫގެ އަތިރިމަތިތަކުގައިވެސް ހިތްގައިމު މައިޒާންތައް ހަދާފައިވެއެވެ.

ތާރީޚީ ނަޒަރަކުން ބަލާއިރު މަރަދޫގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އެކުވެރިކަމާއި، އެއްބައިވަންތަ ރޫޙެއްގައި، ދިވެހިންގެ ސަޤާފީ ޢީދު ޙަރަކާތްތަކާއި، ކުޅިވަރު މުބާރާތްތައް، ފޯރިއާއެކު ބާއްވަމުން އަންނަ ބައެކެވެ. މަރަދޫގެ ރައްޔިތުން މިފަހަރުވެސް މި ދެއްކީ ވަރަށް ރީތި ނަމޫނާއެކެވެ. ކަމާބެހޭ ވުޒާރާތަކަށް ބަރޯސާވުމެއްނެތި މަރަދޫގެ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުން މިއަދު މިވަނީ ރަށުގެ ޤުދުރަތީ ރީތިކަން ވަރަށް ފުރިހަމައަށް އިއާދަކޮށްފައެވެ.

މަރަދޫގެ ރައްޔިތުން އެއްބައިވަންތަކަމުން މިފަހަރު ކުރި މިމަސައްކަތުން މިދައްކައިދިނީ ކުދި ޖަޒީރާ ރަށްތަކުގެ ބާކީކޮށްލެވިފައިވާ އަތިރިމަތިތަކަކީ، ކުޑަކުދިން ކުޅެ، މަޖާކޮށް، ދިވެހިވަންތަ އުފާވެރި ހަނދާންތަކެއް ރައްކާކުރާނެ ތަންތަނަށް ހެދިދާނެކަމެވެ. ހުރިހާ ރަށެއްގެ ރައްޔިތުންވެސް، ރަށުގެ ކުރިއެރުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އަދި ވަށައިގެންވާ މާޙައުލުގެ ރައްކާތެރިކަމަށްޓަކައި، އަތިރިމަތިތައް ސާފުކޮށް، ރީތިކޮށް ބޭއްވުމަށް މަސައްކަތްކުރުމަކީ މިމަސައްކަތް ކުރުމުގައި އިސްނެގި ޢާތިފްގެ ވަރަށް ބޮޑު އެދުމެކެވެ.