ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސި ކުލަބު ވުލްލްސްއާ ދެކޮޅަށް ނުކުންނައިރު ސެވިއްޔާގެ އަމާޒަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭކަމަށާއި މެޗާ ކުރިމަތިލަނީ ކުލަބަށް މުބާރާތުގެ މުހިންމުކަން އެނގިހުރެކަމަށް ސެވިއްޔާގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނެފިއެވެ.
ލޮޕެޓީގު ބުނީ ސެވިއްޔާ ކަހަލަ ވަރުގަދަ ސްކޮޑެއް އޮތްޓީމަކަށް ކޯޗުކަން ކޮށްދެވޭތީ އޭނާ ފަހަރުވެރިވާކަމަށެވެ. އަދި ކޮންމެ މެޗަކާވެސް ކުރިމަތިލަނީ ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި އެހެންކަމުން މިމެޗަށްވެސް ނުކުންނާނީ އެއަޒުމުގައި ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗަކަށް ނުކުންނައިރުވެސް އަބަދުވެސް ތައްޔާރުވަނީ އިދިކޮޅު ޓީމަކީ އެންމެ މޮޅު ޓީމުކަމުގައި ދެކިގެންކަމަށެވެ. އަދި މިހާރު ވިސްނުންހުރީ ޓީމުގައި ތިބި ކުޅުންތެރިންނާއެކު މެޗުގައި ކުރި ހޯދަން ކަމަށެވެ.
ލޮޕެޓީގު ބުނީ މާޒީގައި ހޯދިފައިވާ ކާމިޔާބީތަކުން މެޗުގައި ކުރެވޭނެ އެއްވެސްކަމެއް ނެތްކަމަށާއި ކުރިމަގު އޮތީ ވުލްވްސް މެޗު ކާމިޔާބުކޮށްގެންކަމަށެވެ. އެހެންނަމަވަސް ވުލްވްސްއަކީ ހިތްވަރާއި، އަޒުމާއެކީ ކުޅޭ ޓީމެއްކަން ލޮޕެޓީގު ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ވުލްވްސްއަކީ ޓޮޓްނަމްއާއި ސްޓައިލުގެ ގޮތުން އެއްގޮތް ޓީމެއްކަމަށެވެ.
ލޮޕެޓީގު ބުނީ މެޗު ކާމިޔާބުކުރަން ބޭނުންވާނަމަ ރޯމާ މެޗުގައި ދެއްކިފަދަ ކުޅުމެއް މިމެޗުގައި ދައްކަން ޖެހޭނެކަމަށެވެ. ސެވިއްޔާއިން މި މުބާރާތް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ. އެގޮތުން މިރޭ އޮތް ދެ މެޗަކީ ވުލްވްސް އާއި ސެވިއްޔާ ބައްދަލުކުރާ މެޗާއި ބަސެލް އާއި ޝަކްތަރު ޑޮނެސްކެއެވެ. މި ދެ މެޗުވެސް ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.