ކުޅިވަރު

ސަޤާފީ ހަރަކާތްތަކާއެކު ރ.އަލިފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި


ސަރުކާރުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޓާފް ދަނޑުގެ ތެރެއިން ރ.އަލިފުށީގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ތެރެއިން އަލިފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ދަނޑުގައި ޓާފް އެޅުމަށް 4.2 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެގޮތުން އަލިފުށި ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ކޮށްފައިވަނީ އާރުކޭއެލް ކުންފުނިންނެވެ. އަދި މި މަސައްކަތަށް ވަނީ 1.1 މިލިޔަން ރުފިޔާ ޚަރަދުވެފައެވެ.

އަލިފުށި ދަނޑުގައި ޓާފް އަޅަން ފެށިކަން ހާމަކުރަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލިފުށި ރައްޔިތުންގެ އެތައް ދުވަހެއްގެ ޝަކުވާ އާއި އިންތިޒާރު ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށެވެ. އަލިފުށި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ އެހެން ރަށްރަށާއި ޚިލާފަށް ވަރަށް ފޯރީގައެވެ. އެގޮތުން ފުރަތަމަ ޓާފް ރޯލް ފަތުރާލީ ބޮޑުބެރާއި ދަނޑި ޖެހުމުގެ ސަޤާފީ ހަރަކާތްތަކާއެކުއެވެ.

މީގެ އިތުރުން މަޙްލޫފް ވަނީ މި މަސައްކަތަށް އަލިފުށީ ޒުވާނުންނާއި އެ ރަށުގެ ކައުންސިލްގެ އިތުރުން އަލިފުށި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު ހުސެއިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނެއެވެ. އަލިފުށީ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިއިރު، މީގެ ކުރިން ވަނީ ފ. ނިލަންދޫ ޓާފް ދަނޑާއި، ތ. ވިލުފުށި ޓާފް ދަނޑާއި، ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.