ރިޕޯޓް

ޒަހުނާއާއެކު އޭނާގެ ބަގީޗާގައި ވަގުތުކޮޅެއް


ލިޔުނީ: އީމާން ޝަފީޤް


ކޯވިޑު-19 ގެ ޙާލަތުގައި ގޭގައި ގިނަ ވަގުތު ހޭދަކުރަންޖެހުމާއިގުޅިގެން، ހުސްވަގުތު ފުރާލުމަށް ގިނަ ބަޔަކު ފަށާފައިވާ އެއް މަސައްކަތަކީ ބަގީޗާގަސް ހެއްދުމެވެ. ގޭގެ ސިޓިންގރޫމާއި ބެލްކަނީގައި އޮންނަ ކުޑަ ޖާގައިގައި ކޮންމެވެސް ވައްތަރެއްގެ ބަގީޗާގަހެއް އިންދުމަށް ދިވެހިން ނުހަނު ފޯރިހިފާފައިވާކަން، އެކި ގޭގޭގެ މީހުންނާއި ވާހަކަދައްކާލުމުން އެނގެއެވެ. މަރިޔަމް ޒަޙްނާ އަކީ ބަގީޗާގަސް ހެއްދުމަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ދީގެން އެކަންކުރާ ފަރާތެކެވެ. ރ. މަޑިފުށީގައި އޭނާ ދިރިއުޅޭ ގޭގައި ގިނަޢަދަދަކަށް ގަސް ހައްދާފައި ހުރެއެވެ. އޭނާގެ ބަގީޗާ އަކީ އެރަށުގެ މީހުން ގަސްހެއްދުމުގައި ނަމޫނާއަކަށް ބަލާ ތަނެކެވެ.
ޕްރީސްކޫލް ޓީޗަރެއްގެ ވަޒީފާވެސް އަދާކުރަމުންދާ މަރިޔަމް ޒަޙްނާ، ގަސްހެއްދުމުގެ ރޮނގުން ފާހަގަކުރެވުނީ، ވެލިގާ ހާޑްވެއަރ އިން މިއަހަރު ބޭއްވި ފޭސްބުކް ފޮޓޯ ކޮންޓެސްޓުގެ ތެރެއިންނެވެ. "#މަގޭ ބަގީޗާ" ގެ ނަމުގައި ބޭއްވި މި މުބާރާތުން، އަމިއްލަ ބަގީޗާގެ ފޮޓޯ ހިމަނައިގެން، އެންމެ ގިނަ ލައިކްސް ހޯދައި، އެއްވަނަ ހޯދީ ޒަޙްނާ އެވެ. އޭނާގެ ބަގީޗާއަށް 5700އަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.
ޒަޙްނާ އާއި އޭނާގެ ޢާއިލާއަކީ އެންމެ ކުރީއްސުރެވެސް ގަސްހެއްދުމަށް ލޯބިކުރާ ޢާއިލާއެކެވެ. ކުޑައިރުއްސުރެ މަންމައާއި ދައްތަމެން މި މަސައްކަތްކުރާތަން ފެނި، ޒަޙްނާއަށް ވަނީ ގަސްހެއްދުމާއި ގުޅޭ ގިނަ ކަންތައްތަކެއް ދަސްވެފައެވެ. މިހާރު އޭނާ ހައްދާ ހުރިހާ ވައްތަރެއްގެ ގަހެއް ބަލަހައްޓަނީ އޭނާ އަމިއްލައަށެވެ. ގަސްގަހުގައި މާ ފޮޅިފައިހުންނައިރު ބަލާލަން ރީތި ނަމަވެސް މިއީ ވަގުތު ދީގެން، ދަސްކޮށްގެން، ވަކި ގޮތަކަށް ކުރަންޖެހޭ މަސައްކަތެއްކަން ގައިމެވެ. ޒަޙްނާ ވަނީ ބަގީޗާގަސް ހެއްދުމުގައި އޭނާ ޢަމަލުކުރާގޮތް ޕީ.އެސް.އެމްއާ ހިއްސާކޮށްފައެވެ.

ޒަޙްނާ ގެންގުޅޭ ބައެއް ވައްތަރުގެ ގަސްތައް

ޕެންޓޫނިއާ، ސްޕައިޑާ ޕްލާންޓް، ސްނޭކް ޕްލާންޓް، ބޯގަންވިލާ، ޑެޒަޓް ރޯޒް، ފާން، ފިނިފެންމާ، ޕާމް، އެލޯވެރާ، ސަކިއުލެންޓް، ސްޓްރެލިޓްޒިއާ، މޮންސްޓެރާ، ކެކްޓަސް، ޕީސް ލިލީ، މަނީ ޕްލާންޓް، އޯކިޑް، އެފްރިކަން ވަޔަލެޓް، ތައުޒަން ފްލާވާ، ބެގޯނިއާ، އިރުދޭމާ، ޝޫފްލާވާ، ޒީޒީ ޕްލާންޓް، ހޮޔާ، ހަވޯރތިއާ، ކެލޭޑިއަމް، ކޮރަލް ޕްލާންޓް، ބޮންސައި، ފިތޫނިއާ، ޕެޕެރޯމިއާ، ޔޫފޯބިއާ، ކެލާ ލިލީ، ހިމެނެއެވެ.

ޒަޙްނާ ހައްދާ ބައެއް ގަހަކީ ގަނެގެން އާލާކޮށްފައިވާ ވައްތަރުތަކެވެ. ނަމަވެސް ގިނަ ވައްތަރުތަކަކީ ޢާއިލީ ގޭގެއިންނާއި ރައްޓެހިންގެ ފަރާތުން ލިބޭ ގަސްތައްކަމަށް އޭނާ ބުނެއެވެ. ދިވެހިންގެތެރޭގައި ގަސް ހޯދުމަށް ގޭގެއަށް ޒިޔާރަތްކޮށް އުޅުމުގެ ސަޤާފަތެއް އޮވެއެވެ.

ގަހަކުން ގޮފި ހޯދަން ގިނަ މީހުން އަންނަނަމަ ހަދަންވީގޮތް

- ގަހަށް ހަޑި ނުވާގޮތަށް ގޮފިކޮޅު ކަނޑާށެވެ. (އެއީ ދުވަސްތަކެއްގެ މަސައްކަތުން ހެއްދި ގަހުގެ ރީތިކަން ދެމެހެއްޓުމަށެވެ.)
- ޅަ ކުރި އާއި ހަރު ކުރި، މި ދެވައްތަރުވެސް ރޯކުރެވޭނެކަން ހަނދާންކުރާށެވެ.

ޒަޙްނާ ބުނިގޮތުގައި އޭނާއަށް ރޯކުރަން އެންމެ ފަސޭހައީ ޅަ ކުރިއެވެ.

ގަހަށް އަޅާލުން ދޭންޖެހޭ ގޮތް

ގަސް ހޯދާއިރާއި ގަންނައިރު، އެ ގަސް ހައްދަންޖެހޭ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ޒަހުނާ ފާހަގަކުރިއެވެ. ގަސް ވިއްކާ ޕޭޖުތަކުންނާއި، އަމިއްލައަށް ދިރާސާކޮށްގެން މަޢުލޫމާތު ހޯދުމަށް އޭނާ އަބަދުވެސް ސަމާލުކަންދޭކަމަށް ޒަޙްނާ ބުންޏެވެ.

"ގަހަކީވެސް ކާނާއާ ފެން ބޭނުންވާ އެއްޗެއް. ބައެއްފަހަރު ފަރުވާ ކުޑަކުރެވޭ ގިނަ މީހުންނަށް، މިކަންކަމަށް. ދެން، ގަސް ގަންނައިރު ބައެއް މީހުން ނުބަލާ އެއީ ރާއްޖޭގެ މާޙައުލާ ގުޅޭނެ ގަހެއްތޯ. ބައެއް ގަސްގަހަކީ އަވިގަދަ ތަންތަނުގަ ހެދޭނެ ގަހެއްވެސް ނޫން. ގަސް ގަތުމުގެ ކުރިން އެކަންކަމަށް ވިސްނާލުން ވަރަށް މުހިއްމު،" ޒަޙްނާ ކައިދިނެވެ.

ގިނައިން ފެން ބޭނުންވާ ގަސްތައް ބަހައްޓަން އެންމެ ރަނގަޅީ ވާރޭ ވެހޭ، ހާމަ ތަނެއްގައެވެ. އެނޫން ގަސްތައް ހިޔާކޮށްފައި ހުރި ތަނެއްގައި ބެހެއްޓިދާނެއެވެ. ފެން ދޭންޖެހޭވަރު ދެނެގަންނާނީ ވެލިގަނޑު ހިކޭ މިންވަރަށް ބަލައިގެންނެވެ. ޔޫފޯބިއާ ފަދަ ބައެއް ގަސްގަހަށް ދުވާލަކު ދެފަހަރު ފެން ދޭންޖެހޭއިރު، ކެލަތިއާ ފަދަ ގަސްގަހަށް ފެން ދޭންޖެހެނީ ކޮންމެ ދެހަފްތާއަކުން އެއްފަހަރު ކަމަށް ޒަޙްނާ ބުންޏެވެ. އަދި ވާރޭ ވެހޭނަމަ ބޭރުގައި ހުންނަ ގަސްތަކަށް ފެން ނުދޭކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ވެލިގަނޑުގެ ތެތްކަން ބެލުމަށްފަހު ފެން ދޭން އާދަކުރަންޖެހެއެވެ. ސަބަބަކީ މާ މަދުން ނުވަތަ މާ ގިނައިން ފެން ދެވިއްޖެނަމަ ގަސް މަރުވުމަށް މެދުވެރިވާތީއެވެ.

ކޮންމެ ދުވަހަކު ގަހުގައި ހުންނަ ހިކި ފަތްތައް އަތުން ނައްޓާލުމުން، ގަސް ރީތިކޮށް ތާޒާކަންމަތީގައި ހުންނާނެކަމަށާއި، ބަލިޖެހިފައިވާ ފަތެއް ފާހަގަކުރެވިއްޖެނަމަ އެ ފަތެއްވެސް މިގޮތަށް ނައްޓާލުމުން ގަހަށް ބަލި ނުފެތުރޭނެކަމަށް ޒަޙްނާ ބުންޏެވެ.
ގަސް ހެދުމުގައި އެގަސް އިންދާ ވެލިވެސް ބޮޑު ދައުރެއް އަދާކުރެއެވެ. ވެލި ތައްޔާރުކުރުމަކީވެސް ގަހަށް އަޅާލުމުގެ ވަރަށް މުހިއްމު ބައެކެވެ. ކަޅު ފަހާއި ބޮނބި ކުނޑި، ވަކި މިނަކަށް އެއްކޮށްލުމުން ރަނގަޅު ވެލިގަނޑެއް ތައްޔާރުކުރެވޭނެއެވެ. ބޮނބިކުޑީގެ ސަބަބުން ގަހުގެ މޫ ދޫވުމަށް ފަސޭހަވެގެންދާ ކަމަށާއި، ގަސްބުޑަށް ފޮނިތޮށި އެޅުމަކީވެސް ގަސް ރީތިވާ ކަމެއްކަމަށް ޒަޙްނާ ފާހަގަކުރިއެވެ.

ޢާއްމުކޮށް ހީވެފައިއޮންނަގޮތުގައި ރީތިކޮށް ގަސް ހެއްދުމަކީ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެކެވެ. އެހެނީ ގަސްތަކަށް ބޭނުންވާ ބޭހާއި، އެކި ވައްތަރުގެ ގަސްކާނާ ހޯދަންޖެހޭނެތީއެވެ. ނަމަވެސް ޒަޙްނާގެ ތަޖުރިބާގައި މި މަސައްކަތަށް އެހާ ބޮޑު ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ޒަޙްނާ ބޭނުންކުރަނީ "ޓުވެންޓީ ޓުވެންޓީ" ނަމަކަށްކިޔާ ފާޓިލައިޒާއެއްކަމަށް އޭނާ ބުންޏެވެ. ބޭނުންކުރާ ގޮތަކީ އޭގެ 20 ގުރާމު، 5 ލީޓަރުގެ ފެންފުޅިއަކަށް ގިރައިގެން، މަހަކު ދެފަހަރު، ގަސްތަކަށް ދެނީއެވެ. ގަސްތަކަށް ބަލިޖައްސާ ސޫފިތައް ނައްތާލުމަށް ބޭނުންކުރަނީ ބަޔޯ ޕެސްޓިސައިޑް ކަމަށާއި، އެއީ އޭގައި ބާރުގަދަ ކެމިކަލްގެ މިންވަރު މަދުވާތީ ކަމަށް ޒަޙްނާ ކިޔައިދިނެވެ.

ގަސް އިންދަންވީ ބިމުގައިތޯ ނުވަތަ ގަސްމުށީގައިތޯ، މިއީވެސް ސުވާލެކެވެ. ޚާއްޞަކޮށް ރަށްރަށުގެ ގެތަކުގައި ބިމުގެގޮތުން ގަސްއިންދާނެ ޖާގަ އޮތްނަމަ މިކަން ކުރަން ރަނގަޅުގޮތަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. ޒަޙްނާ އޭނާ ގެންގުޅޭ ހުރިހާ ވައްތަރެއްގެ ގަހެއްވެސް ހައްދަނީ ގަސްމުށީގައި ނުވަތަ ޕޮޓުގައެވެ. ނަމަވެސް ގޭތެރޭގައި ގަސް ގެނގުޅުމުގައި ވަކިން ވިސްނަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ވަސް ގަދަވުމަކީ ގަސް މަރުވާން ދިމާވާ ކަމެއްކަމުގައި ޒަޙްނާ ފާހަގަކުރިއެވެ.

"ކެކްޓަސްގެ ވައްތަރެއް އަޅުގަނޑު އަތުން މަރުވި މާ ވަސް ގަދަވީމަ. ގަސް ކޮޓަރިތެރޭގައި ބަހައްޓާފައި ހިޓް ސްޕްރޭ ޖަހާލެވުނީ. ހަމަ އެގަޑީގަ ގަސް މަރުވީ،" ޒަޙްނާ ކިޔައިދިނެވެ.

ފަހަކަށްއައިސް ރާއްޖޭގައި އެކިކުލައިގެ ބޯގަންވިލާ ގަސް ހެއްދުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތްކުރާކަން ފާހަގަކުރެވުނެވެ. ބޯގަންވިލާ ގަހުގެ މަލަކީ އަތްވައް ކުލަ ރީތިވާ މަލެއްކަމުން، ރާއްޖޭގެ މާޙައުލާވެސް ވަރަށް ގުޅެއެވެ.
ބޯގަންވިލާ ރީތިކޮށް، ރަވުގަދަކޮށް ހެދެނީ އަވިދިނީމައެވެ. ގޮފިކޮޅުކޮޅު އިންދައިގެންނާއި، ފެންފުޅިއަށް މޫބާލައިގެން މި ގަސް ހެއްދެއެވެ. ފަސޭހައިން ރޯވަނީ ފަލަކޮށް ހުންނަ ގޮފިކޮޅު ކަމަށް ޒަޙްނާ ކިޔައިދިނެވެ. "ގްރާފްޓިން"ގެ އުކުޅުތައް ބޭނުންކޮށްގެން އެއް ގަހެއްގައި އެކި ކުލައިގެ މާ ފޮޅޭގޮތަށްވެސް މި ގަސް ހެއްދިދާނެއެވެ.

ބަގީޗާ ހެއްދުމަށް މުޅި ދުވަސް ހޭދަކުރާކަށް ނުޖެހެއެވެ. ޒަޙްނާ ފާހަގަކުރިގޮތުގައި ކުރި ޖަހާ ދުވަހަކު ދެހަޑިއެއްހާއިރު ހޭދަވީ ނަމަވެސް ޢާއްމުކޮށް ގަހަށް އަޅާލުމުގައި އޭނާ ދުވާލެއްގެ މައްޗަށް ހޭދަކުނީ ބައި ގަޑިއިރާއި އެއްގަޑިއިރާއި ދެމެދުގެ ވަގުތެކެވެ. އެހެންކަމުން ވަޒީފާ އަދާކުރަމުންވެސް ގަސްތައް ބެލެހެއްޓިދާނެއެވެ.

ރީތި ބަގީޗާއެއް ގެންގުޅެނީ، ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން ކަމަށް ޒަޙްނާ ބުނެއެވެ. ގަސް ވިއްކައިގެން ނަފާހޯދުމުގެ ވިސްނުމެއް ނުގެންގުޅުނުނަމަވެސް، މިއީ އާމްދަނީއެއް ހޯދަން ކުރަން ރަނގަޅު މަސައްކަތެއް ކަމަށާއި، އަންހެން ފިރިހެން ތަފާތެއްނެތި، ކޮންމެ ޢުމުރެއްގެ މީހަކުވެސް ކޮށްލަން ރަނގަޅު މަސައްކަތެއްކަމަށް ޒަޙްނާ ފާހަގަކުރިއެވެ. ހިތަށް ލިބޭ ހިތްހަމަޖެހުމުގެ އިތުރުން، ގޭތެރޭގެ ވައި ސާފުވެ، އެތަކެއް ފައިދާއެއް، ގަހުގެ ސަބަބުން ލިބޭކަން އޭނާ ފާހަގަކުރިއެވެ.

"ބުނެލާނީ އެންމެންވެސް ކުރާށޭ، ވަރަށް ހިތްހަމަޖެހުން ލިބޭކަމެކޭ މިއީ. ގެއާއި ގޯތިތެރެވެސް ވަރަށް ރީތިވާ ކަމެކޭ މިއީ. ގެއަށް ވަދެލާފަ ރައްޓެހިންވެސް ބުނާނެ 'ހާދަހާ ރީއްޗޭ، ވަރަށް ހިތްހަމަޖެހެއޭ މިތަން ފެނުނީމަ، މިތާ ހުންނަހިތްވެސް ވަރަށް ވެއޭ'. ވަރަށް ހިތްހަމަޖެހޭ އެހެން ބުނީމަވެސް،" ޒަޙްނާ ބުންޏެވެ.

ބަގީޗާގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދޭ އެކައްޗަކީ މަލެވެ. އެންމެ އަވަހަށް މާ ފޮޅޭ ބައެއް ގަސްތަކުގެތެރޭގައި ކަނީރު، ސައިމާ، ބޯގަންވިލާ އަދި ޔޫފޯބިއާ ހިމެނެއެވެ.