އަހަރުތަކަކަށްފަހު މިހާރު މެންޗެސްޓަރ ޔުނައިޓެޑަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ކަމަށް ސެވިއްޔާގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނެފިއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ސެވިއްޔާގެ ކޯޗު ބުނީ މެޗަށް ނުކުންނާނީ ހުރިހާ އިހުތިރާމެއް ދީގެން ކަމަށާއި ހުސްވި ޖެނުއަރީ މަހުން ފެށިގެން ލީގުގައި ޔުނައިޓެޑް ބަލިނުވެ ނިންމާލުމަކީ ޓީމުގެ ވަރުގަދަކަން ދައްކައިދޭ ހެއްކެކަމަށެވެ.
އޭނާ ބުނީ މިއީ ނޮކައުޓް މެޗަކަށްވުމުން ކޮންމެފަދަ ނަތީޖާއެއް ވެސް ނުކުމެދާނެކަމަށެވެ. އެހެންކަމުން މިމެޗު ދެޓީމަށްވެސް ފަސޭހަ ނުވާނެކަމަށް ލޮޕެޓީގު ބުންޏެވެ. ކުރިން ސްޕެއިންގެ ޤައުމީ ޓީމަށްވެސް ކޯޗުކޮށްދިން ލޮޕެޓީގު ބުނީ ވާދަވެރިންނަކީ ކިތަންމެ ބޮޑު ކުލަބަކަށް ވިޔަސް މަސައްކަތް ކުރަނީ ސެވިއްޔާ ރާވާފައިވާ ގޮތަށް މެޗު ކާމިޔާބުކުރަން ކަމަށެވެ. ސެވިއްޔާއިން މިމެޗާ ކުރިމަތިލާއިރު އެޓީމުން ވަނީ ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ.
ޔޫރޮޕާ ލީގުގެ ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓަރ ފައިނަލުގައި އިނގިރޭސިވިލާތުގެ ވުލްވްސްއާއި ވާދަކޮށް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ. މި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޯސްއެވެ. މެންޗެސްޓާ ޔުނައިޓެޑް ސެމީ ފައިނަލުން ފުރުޞަތު ހޯދީ ކުއާޓާ ފައިނަލުގައި ޑެންމާކްގެ ކޯޕަންހޭގަން 0-1 އިން ބަލިކޮށްގެންނެވެ.