ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ޕްރޮގްރާމްގެ ދަށުން ތ. ވިލުފުށީގެ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ތަރައްގީކޮށްފިއެވެ.
އައުޓްޑޯޯ ޖިމް ތަރައްގީކޮށްފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލްގެ ފަރާތުން ގާއިމްކުރަން ކަނޑައަޅާފައިވާ ޕާކުގެ ބައެއްގެ ގޮތުގައެވެ. މި އައުޓްޑޯ ޖިމްއާއެކު އެ ސަރަހައްދުގައި ކުޑަކުދިން ކުޅޭ އޭރިޔާ، ސްކޭޓް އޭރިޔާ، ޕްލޭ ހިލް، މަސްފެންގަނޑެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރި ޖިމްއަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށްވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންކުރެވޭނެ އިކުއިޕްމަންޓާއެކު، ގާއިމްކުރި ތަނެއްކަމަށެވެ. އަދި ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީވެސް ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައިކަމަށް ސައީދު ވިދާޅުވިއެވެ.
ވިލުފުށީގައި މިމަޝްރޫޢު ހިންގި ވަސަނަ ޖަމިއްޔާއިން ބުނީ ވިލުފުއްޓަކީ ސުނާމީއާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް އެރަށުގެ ގޭގެ ގޯތިތެރޭގައި މާބޮޑު ހުސްޖާގައެއް ނޯނާތީ ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯންނަކަމަށެވެ. އެހެންކަމުން މި ޕްރޮޖެކްޓްގެ ސަބަބުން ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ ހިތްފަސޭހަ ސަރަޙައްދެއް ޤާއިމްކުރެވިގެން ހިނގައްޖެކަމަށް ވަސަނަ ޖަމުއިއްޔާއިން ބުނެއެވެ.
ބީއެމްއެލްއިން ހިންގާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.
މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.