ޖަރުމަނުގެ ބާޔަން މިއުނިކުން ބޭނުންކުރާ އެންމެ މޮޅު ހަތިޔާރަކީ އިދިކޮޅު ޓީމު ޕްރެޝަރަށް ދުއްވާލުންކަމަށް ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
ފްރާންސްގެ އޮލިންޕިކް ލިޔޯން ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖަގާ ބަޔާންއަށް ޔަގީންކޮށް ދިނުމަށްފަހު ކޯޗު ފްލިކް ބުނީ ފައިނަލާ ކުރިމަތިލާއިރު ޓީމު ފަހަތުން ރަނގަޅުކުރަން ޖެހޭކަންތައްތަކެއް ފާހަގަކުރެވުނުކަމަށެވެ. އޭނާ ބުނީ ލިޔޯން އަތުން ހޯދުނީ އުނދަގޫ މޮޅެއްކަމަށެވެ. އަދި އިޓަލީގެ ޔުވެންޓަސްއާއި އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީ ބަލިކޮށްފަ އަންނަ ޓީމަކާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަން ކުރިންވެސް އެނގޭކަމަށް ފްލިކް ބުންޏެވެ.
އޭނާ ބުނީ މެޗުގައި ބަޔާންއަށް ބޯޅަ ކުރިޔަށް ލައިގެން ކުޅެން އުނދަގޫތަކެއް ދިމާވި ނަމަވެސް އޭނާގެ ކުޅުންތެރިން އެކަން ކުރިކަމަށާއި ކުރިޔަށް އޮތް މެޗުގައި ޓީމުގެ ފަހަތަށް ކުޅޭ ކުޅުންތެރިން ރަނގަޅަށް ކުޅެފިނަމަ އެތަން ނުފެންނާނެކަމަށެވެ. އޭނާ ބުނީ ފައިނަލުގައި ނުކުންނަނީ ޔޫރަޕުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށާއި ޕީއެސްޖީ ޓީމުގެ ކަންކަން ބަލާ ދިރާސާ ކޮށްފައިނޫނީ ފައިނަލަށް ތައްޔާރުނުވާނެކަމަށެވެ.
ފްލިކް ބުނީ ޕީއެސްޖީއަކީ ހަލުވި ކުޅުންތެރިން ގިނަ ޓީމެއްކަމަށެވެ. އެހެންކަމުން ބަޔާން މިއުނިކުން އެކަމަށް ސަމާލުކަން ދޭންޖެހޭނެކަމަށް ބަޔާންގެ ކޯޗުކަމާ ހުސްވި ނޮވެންބަރު މަހު ހަވާލުވި ކޯޗު ބުންޏެވެ. ފްލިކް ބުނީ މިވަގުތު ބަޔާންއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުން ގިނަ ލަނޑުތަކެއް ޖެހުންކަމަށެވެ. ބާޔާން ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި 42 ލަނޑު ޖަހާފައެވެ. މިއީ މިހާތަނަށް އެއް ސީޒަނެއްގައި އެންމެ ގިނައިން ބާސެލޯނާ ޖެހި އަދަދަށް ވުރެ 3 ލަނޑު މަދު އަދަދެކެވެ. ބާސެލޯނާއިން ވަނީ 1999 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގުގައި 45 ލަނޑު ޖަހާފައެވެ.
ފްލިކް ބުނީ ފައިނަލުގައި ނުކުންނަ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ދަންނަ ކަމަށާއި ޕީއެސްޖީއެކު އޭނާ ވަނީ އާދަޔާ ހިލާފް މަސައްކަތެއް ކޮށްފަކަމަށެވެ. ޓުޗެލްއަކީ ވަރުގަދަ ޓީމެއް ވަރުގަދަ ބިންގަލެއް ޕީއެސްޖީ އަޅާފަވާކަމަށް ބަޔާންގެ ކޯޗު ފްލިކް ބުންޏެވެ.
މިއީ މުބާރާތުގެ ފައިނަލަށް ބަޔާން މިއުނިކް ދަތުރުކުރި 11 ވަނަ ފަހަރެއެވެ. އެންމެފަހުން މި މުބާރާތް ބަޔާނުން ކާމިޔާބުކުރީ 2013 ވަނަ އަހަރެއެވެ. މިތަށި ހޯދައިފި ކަމަށްވާނަމަ ހަތް އަހަރު ތެރޭގައި އަނެއްކާވެސް ތިން ތަށި ކާމިޔާބުކުރުމުގެ ފުރުސަތު ބަޔާން މިއުނިކަށް ލިބިގެންދާނެއެވެ. އެޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން 10 މެޗު ކާމިޔާބުކޮށް އެންމެ ގިނަ މެޗު ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ޑިސެންބަރު މަހު މެޗަކުން ބަލިވިފަހުން އެޓީމުން ވަނީ ބަލިނުވެ 28 މެޗު ހަމަކޮށްފައެވެ. ބަޔާނުން ވަނީ މިހާތަނަށް 5 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.