ތ. އަތޮޅު ކިނބިދޫ ދާއިރާގެ ރަށްރަށަށް
އަމާޒްކޮށްގެން ބޭއްވި އެމްޕީ ކަޕްގެ 2015ގެ ޗެމްޕިއަންކަން ވަންދޫ ހޯދައިފިއެވެ.
ވަންދޫ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ހިރިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް
މެޗްގައި ހިރިލަންދޫއާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ފަސްލަނޑު ހަތަރުލަނޑުން މެޗް
ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން
ދެޓީމް އެއްވަރުވުމާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާފައިވެއެވެ. ވަންދޫން
ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ހިރިލަންދޫން
ޖެހި ފަސްޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަންދޫގެ ގޯލްކީޕަރ މަތަކޮށްފައިވެއެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށާއި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް
ހޮވުނީ ވަންދޫ ޓީމްގެ ގޯލްކީޕަރ ފަޒްލީ އަލީއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި
ކުޅުންތެރިޔަކަށް ހޮވުނީ ވަންދޫގެ ކެޕްޓަން ޝިޔާޒް އިބްރާހީމެވެ. މުބާރާތުގެ އެންމެ
މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިލަންދޫ ޓީމްގެ އަހުމަދު ޝިފާއުއެވެ.
ޗެމްޕިއަންޓީމަށް
ފަންސާސް ހާސް ރުފިޔާ ހުޅައަޅާފައިވާ މި މުބާރާތުގެ ޗެމްޕިއަން ވަންދޫއަށް
ފައިސާގެ އިނާމާއި ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ ކިނބުދޫ ދާއިރާގެ މެމްބަރ އަބްދުއްﷲ ރިޔާޒެވެ. ކިނބިދޫ
ދާއިރާގެ ފަސް ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ އެދާއިރާގެ މެމްބަރ
އަބްދުއްﷲ ރިޔާޒް އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިފަހަރުގެ
މުބާރާތުގައި އެދާއިރާގެ އޮމަދޫ ފިޔަވާ އަނެއް ހަތަރު ރަށުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވަންދޫ ޓީމް ވަނީ އެންމެ ފަހުން އެފްއޭއެމުން
ބޭއްވި ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.