ޚަބަރު

ކުރިން ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެން މަނާވަގުތުގައި މިހާރު ބޭރުގައި ނޫޅެވޭނެ: ފުލުހުން


ކާފިއު އިއުލާންކޮށްފައި އޮންނަ ވަގުތުގައި ކުރީގެ ޕާމިޓު ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިހާރު ޢިއުލާންކޮށްފައިވާ ކާފިއު ވަގުތުގައި ބޭރަށް ނުކުތުމުގެ ހުއްދަ ދެނީ ހަމައެކަނި އެމާޖެންސީ ކަންކަމުގައި ބޭރަށް ނުކުންނަށް ޖެހޭ ފަރާތްތަކަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ފުރަބަންދުތެރޭގައި އެންއީއޯސީގެ ބެލުމުގެ ދަށުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް އޭރު ދޫކޮށްފައިވާ އެކި ޕަރމިޓް ހިފައިގެން ބޭރުތެރޭ އުޅޭކަން ފާހަގަވެފައި ވާކަމަށެވެ.

އެހެންނަމަވެސް އެއީ ގަވާއިދާ ޚިލާފަށް ކުރާ ކަމެއްކަން ފާހަގަކޮށް ކަރފިއުގެ އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 10 އަކުން ފަތިހު 5 ޖެހުމާހަމައަށް ބޭރުތެރޭ އުޅުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

އަދި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރޭގަނޑު 8 އަކުން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަށް މިސަރަޙައްދުގައި އެއްގަމު އުޅަނދުގައި އުޅުމަކީވެސް މަނާކަމެކެވެ. މިގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތަކުގެ ވެހިކަލް ޓޯކޮށް އަންނަނީ ޖޫރިމަނާކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައި ވާއިރު މިދިޔަ ހަފްތާއިން ފެށިގެން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ އެވްރެޖްކޮށް 140 އަށްވުރެ މަތީގައިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އަދި މީގެތެރެއިން ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ މަތީގައި ހުންނަކަން ފާހަގަކުރެވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށުންވެސް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި ޕޮޒިޓިވްވާ ކުޑަކުދިންގެ ޢަދަދު އިތުރުވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.