ކުޅިވަރު

މިއީ ލަމްޕާޑަށް ކުރިމަތިވާނެ ޕްރެޝަރ ބޮޑު ސީޒަނެއް: ގަސް ޕޮޔެޓް


އިނގިރޭސި ކުލަބު ޗެލްސީން މި ފަހަރު ސީޒަނަށް ޓްރާންސްފާ މާކެޓުގައި ހޯދަމުންދާ ކުޅުންތެރިންގެ ސަބަބުން މި ސީޒަނަކީ ލަމްޕާޑަށް ކުރިމަތިވާނެ އެންމެ ޕްރެޝަރ ބޮޑު އެއް ސީޒަނަށް ވާނެކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ގަސް ޕޮޔެޓް ބުނެފިއެވެ.

ޕޮޔެޓް ބުނީ ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި ޗެލްސީއެކު ހަތަރު ވަނައިގައި ނިންމާލިއަސް މިހާރު ޓީމުގެ ހާލަތު ބަދަލުވެ ކުލަބުގެ ވެރިންގެ އުއްމީދުތައް މަތިވާނެކަން އެނގެންޖެހޭނެކަމަށެވެ. އެހެންކަމުން އެއީ ކުރިމަތިވާނެ އެންމެ ބޮޑު ޕްރެޝަރ ކަމަށް ޕޮޔެޓް ބުންޏެވެ. ޗެލްސީން ވަނީ ސީޒަންގެ ކުރީ ބައިގައި ޓިމޯ ވާނާ އާއި ހަކީމް ޒިޔެޗްގެ ސޮއި ހޯދާފައެވެ. އަދި މިހާރު ކީޕަރަކަށް އަމާޒު ހިފާފަވާއިރު ޗެލްސީން ހޯދުމާއި ގާތުގައިވާ ކުޅުންތެރިންގެ ތެރޭގައި ބަޔާ ލެވަކޫސަންގެ ކައި ހާވަޓްޒާއި ލެސްޓާ ސިޓީގެ ބެން ޗިލްވެލްއާއި ބްރެޒިލްގެ ތިއާގޯ ސިލްވާ ހިމެނެއެވެ.

ޕޮޔެޓް ބުނީ މި ކުޅުންތެރިންނާއެކު ޗެލްސީއަށް ލީގު ނުހޯދިއްޖެނަމަ އެންމެ ދަށްވެގެން ސީޒަންގައި ދެވަނައިގައި ނިންމާލެވެން ވާނެކަމަށެވެ. މިހާރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު ތަށިތަކެއް ހޯދުމަކީ ލަމްޕާޑުގެ އަމާޒަކަށް ވާނެކަމަށާއި އެކަމަކު އެއީ އެހާ ފަސޭހަކަމަކަށް ނުވާނެކަމަށް ޕޮޔެޓް ބުންޏެވެ.

އައު ސީޒަނަށް ތައްޔާރުވަމުން ދާއިރު ޗެލްސީން އަންނަ ސީޒަންގައި އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ލީގު ކާމިޔާބުކުރުމަށެވެ.