ރިޕޯޓް

އޮއިވާލި ކަނދުފަތި ހަރުކުރުމުގައި ދިވެހިރާއްޖެ މާ ކުރީގައި


ދިވެހިންގެ ލޭ ނާރުގެ ގޮތުގައި ބެލެވިފައިވާމަސްވެރިކަމަކީ އެންމެ ކުރީ ޒަމާނުއްސުރެ އެންމެ ގިނަ ދިވެހިން އެމަސައްކަތަކަށް ބަރޯސާވެގެން ކުރަމުން އަންނަ މަސައްކަތެކެވެ.ދިވެހިންގެ ބުރަ މަސައްކަތާއި އެކު މަސްވެރިކަން ކުރާ ގޮތާއި އެކަމުގައި ބޭނުންކުރާ އުޅަނދުތަކާއި ވަސީލަތްތަކަށްވެސް މިވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. މިބަދަލުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އިންގިލާބެއް މަސްވެރިކަމަށް އައީ ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި، ސަރުކާރުން މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮއިވާލި ކަނދުފަތި ހަރުކުރަންފެށުމުންނެވެ. މިއާއި އެކު މަސްއައިނު ހޯދުމަށް ކުރިން ދުއްވަންޖެހޭ ދުއްވުން ނިމުމަކަށް އައީއެވެ. ސީދާކަނދުފައްޗަށްގޮސް މަސް ބޭނުމުގެ އުފާ މަސްވެރިން ލިބުނެވެ.އޮއިވާލި ކަނދުފަތި ހަރުުކުރަން ފެށި ދުވަސްވަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ ހަރުކުރާ ކަނދުފަތި ކަނޑައިގެންދިއުމާއި ގެއްލުންފަދަ ކަންތައްތައް ދިމާވުމެވެ. ފިޝަރީޒް މިނިސްޓްރީން އޭރު ކުރި ދިރާސާތަކުން އެނގިގެންދިޔައީ ގިނަ އޮއިވާލި ކަނދުފަތި ކަންޑައިގެންދަނީ މިޔަރު ފަދަ ތަކެތި ކަނދުފަތީގެ ވަލުގައި ދަތްއެޅުމުގެ ސަބަބުން ކަމަށެވެ. މިކަމަށް ހައްލެއް ހޯދާ، މަސްވެރިންނަށް ކަނދުފައްޗާއިއެކު ލިބިގެންދިޔަ އުއްމީދުތައް ފަނޑުވިޔަ ނުދިނުމުގެ މަސައްކަތް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފެއްޓެވިއެވެ.މި މަސައްކަތުގައި އިސްކޮށްއުޅުއްވީ ކަނދުފަތީގެ ބާނީގެ ގޮތުގައި ފާހަގަކުރެވިފައިވާ އަލީ ނައީމާއި،މިއަދު ރާއްޖޭގެ މަސްވެރިކަމާއިބެހޭ ވުޒާރާގެ ވަޒީރު ޑރ.މުހައްމަދު ޝައިނީއެވެ.ނަވާރަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ވަޒީފާ އަދާކުރަން ފެއްޓެވީ ޑރ ޝައިނީ ވަނީ އެމިނިސްޓްރީގެ ކަނދުފަތި އަޅާ ސެކްޝަނުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ކަނދުފަތިތަކަށް ދިމާވާ މައްސަލަތަކަށް ހައްލެއްް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ދަށުން 2000 ވަނަ އަހަރު،ކަނދުފަތީގައި އައްސާ ވާ ވަރުގަދަ ކުރުމަށް ވަލުގެ އެތެރެއަށް ވަޔަރު ލައްވައިގެން މިކަމަށް ހާއްސަކޮށްގެން ވަލެއް އުފައްދާ މި ވާ ބޭނުންކުރަންފެށިއެވެ."ކަނދުފަތި އަޅާ ސެކްޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރި ވުމުގެ ފުރުސަތު ލިބުމުން އަޅުގަނޑު މަސައްކަތް ކުރީ ޒަމާނާ އެއްގޮތައް އެކަން ބަދަލުކުރެވޭތޯ. އެގޮތުން އޭރު މަސައްކަތްކަތްތައް ހުރީ ދެދުވަހުން ކަނދުފައްޗެއް އެޅޭގޮތައް. އެއީ އެއްދުވަހު ކަނދުފައްޗެއް އަޅާފަ ކައިރީ ރަށަކަށްވަދެ އަނެއް ދުވަހު ގޮސް ކަނދުފަތީގެ އެހެން މަސައްކަތްތައް ނިންމާގޮތައް. އެހެންނަމަވެސް މަސައްކަތް އަވަސްކުރުމުގެ ގޮތުން އެއްދުވަހު 2 ކަނދުފަތި ހަރުކޮށްފައިވާނީ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރި މަސައްކަތުގެ ތެރެއިން. ހަމައެއާ އެއްކޮށް ކަނދުފަތިތައް ކަނޑައިގެންދާތީވެ އެކަން ހައްލުކުރުމުގެ ގޮތުން 2000 ވަނަ އަހަރު އަލީ ނައީމް އިސްކޮށް ހުންނަވައިގެން އަޅުގަނޑުމެން ޑިޒައިން ކުރި ވަލެއް ރާއްޖެއިން ބޭރުން ރައްޔާރުކޮށްގެން ގެނެސް ބޭނުންކުރަންފެށީ. އެއީ އެތެރެއަށް ވައިރު ލާފަ މިޔަރު ދަތްއަޅައިގެން ކަނޑުފަތި ކަނޑައިގެންދާދިއުން ހުއްޓުމަށްޓަކާ ކުރި މަސައްކަތް." މިނިސްޓަރ ވިދާޅުވިއެވެ.މިމަސައްކަތަށްފަހު މިދާއިރާއިން މަތީ ތައުލީމް ހާސިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ޑރ.ޝައިނީ ވަޑައިގަތެވެ. ދެހާސް ވަނަ އަހަރުއިނގިރޭސިވިލާތުގައި އެމަނިކުފާނުގެ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ މެރިން ސިސްޓަމްސް ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އެއަށްފަހު ފުރަތަމަ މާސްޓާޒް ޑިގްރީ ހާސިލުކުރެއްވީ "މެރިން ޓެކްނޮލޮޖީ/ނޭވަލް އާރޓިޓެކްޗާރ" ދާއިރާއިން ނޯވޭގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮޖީންނެވެ. ދެވަނަ މާސްޓަޒް ޑިގްރީ މެރިން މެނޭޖްމަންޓްގެ ދާއިރާއިން ހާސިލުކުރެއްވީ ކެނެޑާއިންނެވެ.ޕީއެޗްޑީ ހާސިލުކުރައްވާފައިވަނީ ނޯވޭގެ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮޖީންނެވެ.ނޯވޭގައި ކިޔަވަން އުޅުއްވި ދުވަސްވަރު ކަނދުފަތީގެ ދާއިރާއިން ކުރިއެރުން ލިބޭނެ ގޮތްތައް ބައްލަވާ އެކި ދިރާސާތައްކޮށް ސިމިއުލޭޝަނެއްވެސް އެމަނިކުފާނު ހެއްދެވިއެވެ. އަދި މި ސިމިއުލޭޝަން ޕަބްލިޝްކުރުމުގެ ނަތީޖާއަކަށްވީ ކަނދުފަތި ހަރުކޮށްގެން މަސްވެރިކަންކުރާ ޕެސިފިކްގެ ޤައުމުތަކުންވެސް މި ސިމިއުލޭޝަން ބަލާ އެއަށް އަމަލުކުރަންފެށުމެވެ. މިއީ ހަަމަގައިމުވެސް ދިވެހިން ފަހުރުވެރިވާންޖެހޭ ފަދަ ކަމެކެވެ.ކިޔަވާ ވިދާޅުވުމަށްފަހު ޑރ.ޝައިނީ އެނބުރި ރާއްޖެވަޑައިގެން މަސައްކަތްކުރެއްވީ ވެސް ހަމަ ފިޝަރީޒް މިނިސްޓްރީގައެވެ. އެ މިނިސްޓްރީގެ އެކި ފަންތީގެ މަޤާމުތައް އެމަނިކުފާނު އަދާކުރައްވާފައިވެއެވެ.2013ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެބިނެޓުގެ ފިޝަރީޒް މިނިސްޓަރުކަމުގެ މަޤާމަށް ޑރ. މުހައްމަދު ޝައިނީ އައްޔަންކުރެވުނެވެ. މިއާއިއެކު އެމަނިކުފާނު އަތުކުރި އޮޅާލެއްވީ ސަރުކާރުގެ ސިޔާސަތުތަކާއިއެކު ދިވެހި މަސްވެރިކަން ކުރިއެރުވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ބައްލަވާ ހަރުދަނާކުރަންޖެހޭ ދާއިރާތައް ހަރުދަނާ ކުރެއްވުމަށެވެ.މިގޮތުން ފިޝަރީޒް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދިން އެއް ކަމަކީ މަސްވެރިކަމުގައި ބޭނުންކުރާ އޮއިވާލިކަނދުފަތީގެ ތެރެއިން ކަނޑައިގެންދާ ކަނދުފަތިތައް ވީ އެންމެ އަވަހަކަށް ހަރުކުރުމާއި އެއަށް ގެންނަންޖެހޭ ބަދަލެއް އޮތްތޯ ބެލުމެވެ. މިގޮތުން މިކަމަށް ދޭ ސަމާލުކަން އިތުރުކޮށް ކަނދުފަތި ހަރުކުރުމަށް ބޭނުންވާ ސާމާނު ކުރިއާލައި ރާއްޖެ ގެނެސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި މުޅި ދުނިޔެއިންވެސް އެންމެ އެންމެ ފެންވަރު ރަނގަޅުކޮށް ކަނދުފަތި މިހާރު ހަރުކުރަނީ ދިވެހި ރާއްޖޭގައެވެ."ކަނޑުފަތި އަޅުގަނޑުމެން މިހާރު މި ހަރުކުރަނީ ދުނިޔޭގެ އެހެން އެއްވެސްތަނެއްގައި އެކަން ނުކުރާހާ ފެންވަރު މަތިކޮށް. މިކަންކުރާ ހުރިހާ ފަރާތްތަކާ އެއްކޮށް ބައްދަލުވެ ދެއްކި ވާހަކައިންނާއި، އަދި ފްރާންސްގެ ބައެއް ސައިންޓިސްޓުން މިކޮޅަށްއައިސް ބެލިބެލުމުން އިނގުނީ ދުނިޔޭގައި އެންމެ ރަނގަޅު ފެންވަރަކަށް ކަނދުފަތި އަޅަމުންދަނީ ރާއްޖޭގައިކަން. އެހެންވީމާ އެއީ ކަނދުފަތީގެ ދާއިރާއިން ރާއްޖެއަށް ލިބުނު ވަރަށްރީތި ނަމެއް. ފަޚްރެއް. އެއީ މިކަމަށް އެންމެ ފުންނާބުއުސް ޤައުމަކަށް ރާއްޖެ ވީތީ" މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ޑރ.ޝައިނީ ގަބޫލުފުޅު ކުރައްވާ ގޮތުގައި ކަނދުފަތި ގިނަދުވަހު ދެމެހެއްޓުމަށް ކަނދުފައްޗަށް އަދިވެސް ބައެއް ބަދަލުތައް ގެންނަންޖެހެއެވެ. މިގޮތުން ކަނދުފަތި އޮޔާ ކަހާލައިގެން ދާދިއުން ހައްލުކުރުމަށް ކަނދުފަތީގައި ހަރުކުރާ ގާ މިހާރަށްވުރެ ބޮޑުކުރަންޖެހޭކަމަށާއި ދެން ހަރުކުރާ ކަނދުފަތިތަކެއްގައި ގާ ބޮޑުކުރަން މިހާރު އިރުޝާދު ދެއްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކަނދުފަތީގެ ބޮއި މިހާރަށްވުރެ ބޮޑުކުރަން ވިސްނަވާކަމަށާއި އެބޮއިގެ ތައްގަނޑު މިހާރު ހަދާ ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު 54 ކަނދުފަތި ހަރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ އޮއިވާލި ކަނދުފައްޗާއިއެކު މަސްވެރިންނަށް ލިބިގެންދިޔަ އުންމީދު ފަނޑުވިޔަނުދީ މަސްވެރިކަމަށް އިތުރު ކުރިއެރުން ހޯދައިދިނުމެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާ ހިންގަވަން ހުންނެވި ޒުވާން ވަޒީރު ޑރ.މުހައްމަދު ޝައިނީއަކީ މިއަމާޒަށް ވާސިލުވުމަށް ބޭނުންވާ ތަޖުރިބާއާއި އިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީނެވެ.