ކުޅިވަރު

ޕެޑްރޯ އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެ


ޗެލްސީއަށް ކުޅެމުންއަންނަ ސްޕޭނުގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ.

ޕެޑްރޯ ރޯމާއަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕެޑްރޯ ރޯމާއަށް ބަދަލުވިއިރު ޗެލްސީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައި އޮތުމާއެކު އޭނާ ރޯމާއަށް ބަދަލުވީ، ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ޕެޑްރޯގެ ސޮއި ރޯމާއިން ހޯދިއިރު، ޕެޑްރޯ ހޯދަން އިންޓަ މަޔާމީގެ އިތުރުން އޭނާގެ އުފަން ގައުމު ސްޕެއިންގެ ރެއާލް ބެޓިސްއިން ވަނީ މަސައްކަތް ކޮށްފައެވެ.

ރޯމާއަށް ބަދަލުވުމަށްފަހު ވާހަކަ ދައްކަމުން ޕެޑްރޯ ބުނީ، އޭނާ ރޯމާއަށް ބަދަލުވީ އުފަލުން ކަމަށާއި، އެ ކްލަބުގައި އައު ކާމިޔާބީތަކެއް ހޯދަން ކެތްމަދުވެފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ސީޒަނުގައި ރޯމާއާއެކު ކާމިޔާބު ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޕެޑްރޯ ބުންޏެވެ.

ރޯމާގެ ޗީފް އެގްޒެކެޓިވް ގުއިޑޯ ފިއެންގާ ބުނީ، ޕެޑްރޯ ކަހަލަ ކޮލިޓީ ކުޅުންތެރިއަކު ރޯމާ އާއި ގުޅުމަކީ އެޓީމަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.

2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ އެޓީމު ދޫކޮށްލިއިރު، އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 206 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޕެޑްރޯ ރޯމާއަށް ބަދަލުވެފައިވާއިރު، އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމަށް ހާކިމް ޒިޔަޗް އާއި ޖަރުމަނުގެ ފޯވަޑް ޓިމޯ ވާނާ ވަނީ ގެނެސްފައެވެ. އަދި ވެސް އިތުރު ކުޅުންތެރިން ގެނައުމަށް ޗެލސީން ދަނީ މަސައްކަތް ކުރަމުންނެވެ.