ބ.ދަރަވަންދޫގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޑް އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ބ.ދަރަވަންދޫގައި ސަރުކާރުން އެޅި ޓާފް ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ގޫގަލް މީޓް މެދުވެރިކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ދަރަވަންދޫގައި އަލަށް މި އެޅުނު ޓާފް ދަނޑުގެ ސަބަބުން އެރަށުގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ދަރަވަންދޫ ކަހަލަ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުން އުޅޭ ރަށެއްގައި ބޮޑު ފުޓްބޯޅަ ދަނޑެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މިހާރުވެސް 40 އަށްވުރެއްގިނަ ބޮޑު ފުޓްބޯޅަ ދަނޑުތައް ތަރައްޤީ ކުރަމުން އަންނަކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
ސަރުކާރުން ދަރަވަންދޫގައި އެޅި ޓާފް ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ކުޅެފައެވެ.
ދަރަވަންދޫގައި ޒަމާނީ ފެންވަރުގެ ޓާފް ފުޓްސަލް ދަނޑެއް އެޅުމާއި ގުޅިގެން އެރަށުގެ ޒުވާނުން ބުނީ މިކަން ހަގީގަތަކަށްވުމުން ވަރަށް އުފާވާކަމަށާ، މިކަމުގެ ސަބަބުން އަތޮޅު ފެންވަރުގައި ފުޓްބޯޅައިގައި ނަންވިދާ ރަށަކަށް މި ރަށްވާނެކަމަށެވެ. އަދު ޓާފް ފުޓްސަލް ދަނޑުގެ ސަބަބުން އެށަށު ފުޓްބޯޅަ އިތުރު ހަރުފަތަކަށް ދާނެކަމަށް ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން އެ ރަށުގެ ބައެއް ޒުވާނުން ބުންޏެވެ.
"މިއަދަކީ ފުޓްބޯޅަ ހަޔާތުގައި އެންމެ އުފާވި ދުވަސް، މިކަން ހަގީގަތަކަށްވުމުން މުޅި ރަށް މިއޮތީ އުފަލުން ފޮޅިފައި، ޒުވާނުންގެ އުއްމީދުތަކުގައި ކުލަޖެހި ފުޓްބޯޅައިގެ އިތުރު ކުރިއެރުންތައް ލިބުން އަދިވެސް އެދެނީ." ދަރަވަންދޫގެ ބައެއް ޒުވާނުން ބުންޏެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑަކީ މި ސަރުކާރުން މިހާތަނަށް ތަރައްޤީކުރި 27 ވަނަ ފުޓްސަލް ދަނޑެވެ. އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.