ވިޔަފާރި

ފަތުުވެރިންނަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރަން ހުއްދަދެނީ


ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާއި ބެހޭ ޤަވާއިދު އެކުލަވާލާ މިންގަނޑުތަކަށް ފެތޭ ރިސޯޓުތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ނެރުއްވި ސަރކިއުލާގައި ވިދާޅުވެފައިވަނީ ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް މަގުފަހިކޮށްދިނުމާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުކުރުމަށް ބާރުއެޅުމަށް ރިސޯޓުތަަކަށް "ސްޕްލިޓް ސްޓޭ" ހުއްދަ ދޭން ނިންމާފައިވާކަމަށެވެ. މިގޮތަށް ހުއްދަ ދޭން ނިންމީ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި މަޝްރާކުރެއްވުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކުގައި ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިހިދުމަތް ދިނުމަށް ހުއްދަދެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ "ސްޕްލިޓް ސްޓޭ" ގައިޑްލައިނަށް ފެތޭ ރިޒޯޓުތަކުން އެޗްޕީއޭ ގެ ޝަރުތުތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ޓުއަރިޒަމްއަށް ހުށަހެޅުމުންނެވެ. އަދި މިހުއްދައަށް އެދެން ޖެހޭނީ ފަތުރުވެރިޔާ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ދެ ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީއަށެވެ. ހުއްދައަށް އެދެވޭނީ އެޗްޕީއޭއިން ކަޑައަޅާފައިވާ އުސޫލުތަކާ އެއް ގޮތައް ހިންގަމުންދާ ރިސޯޓުތަކަށެވެ.

ޓުއަރިޒަމް މިނިސްޓްރީއިން ކަޑައަޅާފައިވާ "ސްޕްލިޓް ސްޓޭ" އުސޫލުގައި ވާގޮތުން ފަތުރުވެރިންނަށް ދަތުރުކުރެވޭނީ ކޯވިޑް-19ގެ އެކްޓިވް އަދި ޝައްކުކުރެވޭ ކޭހެއް ނެތް ރިސޯޓުތަކަށެވެ. އަދި ކުރިން ކޯވިޑް-19ގެ ކޭހެއް ފެނިފައިވާ ރިސޯޓެއް ނަމަ ހުއްދަ ލިބޭނީ ކޭސް ފެނުތާ 28 ދުވަސް ފަހުން އެޗްޕީއޭއިން އަލުން ހުއްދައެއް ހޯދައިގެނެވެ. ސްޕްލިޓް ސްޓޭގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރެވުނު ނަމަވެސް ފަތުރުވެރިންނަށް ސަފާރީތަކާއި ޔޮޓް ފަދަ ލިވަބޯޑަކަށް ދަތުރު ނުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުވެރިންނަށް ދަތުރުކުރެވޭނީ އެގްޒިޓް ހެލްތް ސްކްރީނިންއެއް ހެދުމަށްފަހު ކަމަށްވެސް މި އުސޫލުގައިވެއެވެ. މިސްކްރީނިންގައި ފަތުރުވެރިޔާ ގައިގައި ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ހުރިތޯ ޔަރީންކުރަންޖެހޭނެއެވެ. އަދި އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެފަތުރުވެރިއެއް އެހެން ރިސޯޓަކަށް ނުގެންދެވޭނެއެވެ.

ސްޕްލިޓް ސްޓޭގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރާ ފަތުރުވެރިން އުފުލުމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުތަކުންވެސް އަމަލުކުރަންޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ޓޫރިޒމް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލައި، ސޭފް ޓުއަރިޒަމް އުސޫލުގެ ދަށުން ރިސޯޓުތައް ހުޅުވާލާފައިވަނީ، އެ ފަތުރުވެރިއަކު އަންނަ ރިސޯޓު ނޫން އެހެން ރިސޯޓަކަށް ދަތުރު ނުކުރެވޭ އުސޫލެއްގެ ދަށުންނެވެ. ނަމަވެސް "ސްޕްލިޓް ސްޓޭ" ހުއްދައިގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލު ވުމުގެ ފުރުޞަތު ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުން ހެދުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.