ކުޅިވަރު

ރެއާލް މެޑްރިޑުން އައު ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފި


19 ކުޅުންތެރިން ނުލައި ރެއާލް މެޑްރިޑުން އައު ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިފިއެވެ.

ސްޕެނިޝް ލީގުގެ ކުޅުން ނިމުނުތާ 23 ދުވަސް ފަހުން އައު ސީޒަނަށް ތައްޔާރުވުމަށް ޗެމްޕިއަން ރެއާލް މެޑްރިޑް ތަމްރީންތައް ފެށީ އިއްޔެއެވެ. އެޓީމުގެ ޕްރީ ސީޒަންގެ ތަމްރީން ތަކުގައި ބައިނަލްއަގުވާމީ މެޗުތަކަށް ދޫކޮށްފައިވާ 19 ކުޅުންތެރިން ބައިވެރިނުވެއެވެ. އެކުޅުންތެރިން ތަމްރީންތަކުގައި ބައިވެރިވާނީ މިމަހު ކުރީކޮޅު އޮންނަ ބައިނަލްއަގުވާމީ މެޗުތަކަށްފަހުއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ޒުވާން ގިނަ ކުޅުންތެރިންނަށް ޕްރީ ސީޒަންގެ ތަމްރީންތަކުން ފުރުސަތު ދީފައެވެ. އެގޮތުން ދާދި ފަހުން ޔުއެފާ ޔޫތް ލީގު ކާމިޔާބު ކުރި ޒުވާން ގިނަ ކުޅުންތެރިން ވަނީ ޕްރީ ސީޒަންގައި ތަމްރީންތަކަށް ޒިދާން އެކުލަވާލި ލިސްޓުގައި ހިމަނާފައެވެ. ރެއާލް މެޑްރިޑްގެ ފުރަތަމަ ތަމްރީން ތަކުގައި ގައުމީ ޓީމުތަކުގައި ނުހިމެނޭ ސީނިއަރ 15 ކުޅުންތެރިޔަކު ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 13 ވަނަ ދުވަހު ފަށާ ލަލީގާގެ ފުރަތަމަ މެޗުތަކުގައި މިދިޔަ މަހު ޔޫރަޕުގެ މުބާރާތްތަކުގައި ވާދަކުރި ސްޕެއިންގެ އެއްވެސް ޓީމެއް ނުކުޅޭނެއެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް ލަލީގާގެ ގިނަ ކުލަބުތަކުން މިހާރުވަނީ ތަމްރީންތައް ފަށާފައެވެ. ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ރެއާލް ސޮސެއިޑާޑްއާ ދެކޮޅަށެވެ.