ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ފްރާންސްއިން 100 ބިލިއަން ޔޫރޯގެ ޕެކޭޖެއް


އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ފްރާންސުން 100 ބިލިއަން ޔޫރޯގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމަށް ނިންމައިފިއެވެ.

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވީ 100 ބިލިއަން ޔޫރޯގެ ޕެކޭޖްގެ ތެރެއިން އިޔާދަކުރަނިވި ހަކަތައާއި ދަތުރުފަތުރުގެ ސިނާޢަތަށް ބޮޑު ޚަރަދެއްކުރާނެކަމަށެވެ.

"ފްރާންސް ރީ-ލޯންޗު"ގެ ނަމުގައި ތަޢާރަފްކުރާ މިޕެކޭޖްގެ ތެރެއިން ވަޒިފާ ނެތް މީހުންގެ އަދަދު މަދުކުރުމަށާއި ވިޔަފާރިތަކަށް ޓެކްސްގެ ލުއި ދިނުމަށްވެސް އެހީތެރިވެދޭނެކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ފްރާންސްގެ އިޤްތިޞާދު އަނެއްކާވެސް ކޮޅަށްޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ ދެވަނަ ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދު ވަނީ 13.8 އިންސައްތަ މަޑުޖެހިފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެއް ކުއާޓަރެއްގައި ފްރާންސްގެ އިޤްތިޞާދު މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ބޮޑުވަޒީރު ޖީން ކެސްޓެކްސް ވިދާޅުވީ ފްރާންސްއިން އިން ތަޢާރަފްކުރި 100 ބިލިއަން ޔޫރޯގެ ޕެކޭޖަކީ، 2008 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ތަޢާރަފްކުރި ޕޭކޭޖަށްވުރެ 4 ގުނަ ބޮޑު ޕެކޭޖެއްކަމަށެވެ. އަދި މި ޕެކޭޖްގެ މަޤްޞަދަކީ އިމަންޖެންސީ ފަންޑުތަކުގެ ބަދަލުގައި، ދުރު ރާސްތާއަކަށް ބަލައިގެން ތަޢާރަފްކުރާ ޕެކޭޖެއްކަމަށެވެ. އެގޮތުން މި ޕްލޭންގެެ ދަށުން ވަޒީފާއާއި ތަމްރީންތަކަށް ބޮޑު ހޭދައެއްކޮށް، ތިމާވެއްޓާއި ރަށްޓެހި އިޤްތިޞާދެއް ބިނާކުރުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން 100 ބިލިއަން ޔޫރޯގެ ޕެކޭޖުގެ 40 ބިލިއަން ޔޫރޯއަކީ އީޔޫގެ ރިކަވަރީ ފަންޑުން ފޯރުކޮށްދޭ ފައިސާކަމަށެވެ. އަދި ޕެކޭޖްގެ ތެރެއިން 35 ބިލިއަން ޔޫރޯ ޚަރަދުކުރާނީ އިޤްތިޞާދު ފުޅާކޮށް، ވާދަވެރިކަން އުފައްދަންކަމަށާއި 30 ބިލިއަން ޔޫރޯ ޚަރަދުކުރާނީ ގްރީން އެނާޖީގެ މަޝްރޫޢުތަކަށްކަމަށްވެސް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން 6 ބިލިއަން ޔޫރޯ އިންފްރާސްޓްރަކްޗަރއަށް ހޭދަކުރާއިރު ހައިޑްރޯޖަން އިންޑަސްޓްރީއަށް 2 ބިލިއަން ޔޫރޯ އިންވެސްޓްކުރާނެއެވެ. އަދި ޕެކޭޖްގެ ބާކީ ބައި ޚަރަދުކުރާނީ ވަޒީފާއާއި ތަމްރީނާއި އިޖްތިމާއީ އެކި ކަންކަމަށެވެ.

ފްރާންސްގެ ބޮޑުވަޒީރު ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ތެރޭގައި ޕެކޭޖްގެ ތެރެއިން އިންވެސްޓްކޮށް، 2022 ވަނަ އަހަރާއި ހަމައަށްދާއިރު، ކޯވިޑްގެ ކުރިން ފްރާންސްގެ އިޤްތިޞާދު އޮތް ހާލަތަށް ރުޖޫއަވާނޭކަމަށް އުއްމީދުކުރާކަމަށެވެ.