ޔުއެފާ ނޭޝަންސް ލީގުގައި އެންމެފަހުން ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވިޔަސް ފްރާންސް ޓީމުގެ ހުރިހާ ކަމެއް އަދި އެންމެ ރަނގަޅު ނޫންކަމަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ބުނީ އާ ގޮތަކަށް ޓީމު ބައްޓަންކުރަން މަސައްކަތް ކުރަމުންދާކަމަށާއި، ވަރުގަދަ އެޓޭކިން ގޭމެއް ކުޅުމުގެ ގާބިލްކަން އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ. އަދި މެޗުގައި ބައެއް ބަދަލުތައް ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް މެޗުގައި ވަރަށް ބޮޑަށް އިސްކަންދޭނެކަމަށެވެ.
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ ނޭޝަންސް ލީގު ފަށަން އެޓީމަށް ޖެހުނީ ވަރުގަދަ ބައްޔަކުން ކަމަށާއި އެކަން ގަބޫލްކުރަން ޖެހޭކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކުނީ ކްރޮއޭޝިއާގެ ހަގީގީ ފެންވަރު ނޫންކަމަށެވެ. ވަރަށް ގިނަ އައު ކުޅުންތެރިން ޓީމާ ގުޅިއްޖެކަމަށާއީ އެކުޅުންތެރިންނަށް ވަގުތު ބޭނުންވާކަމަށް ޑަލިޗް ބުންޏެވެ. އޭނާ ބުނީ ޕޯޗުގަލް މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މިމެޗުގައި ފެންނާނެކަމަށް އުއްމީދު ކުރާކަމަށެވެ.
މިއީ ވަރލްޑް ކަޕު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްފަހު މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެއެވެ.