ކުޅިވަރު

ލަނޑު ޖަހާނެ ރަނގަޅު ފޯވާޑެއް ނެތަސް ލަނޑު ޖަހާނެ ގޮތްތައް ސްޕެއިންއަށް އެނގޭ: އެންރީކޭ


ސްޕެއިންގެ ގައުމީ ޓީމުގައި ލަނޑު ޖަހަން ނަންބަރު ނުވައެއް ނެތަސް ސްފެއިންނުން ލަނޑު ޖަހާނެ ކިތަންމެ ގޮތެއް އެނގޭކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އެންމެ ފަހުން ޔޫކްރެއިން އަތުން ހޯދި މޮޅަށް ފަހު އެންރީކޭ ބުނީ އެކަން އެންމެ ބޮޑަށް ސާބިތުކޮށްދޭ ހެއްކަކީ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަކީ ސްޕެއިންގެ ކުޅުންތެރިޔަކަށް ވުމުން ކަމަށެވެ. ޔޫކްރެއިން ކޮޅަށް ސްޕެއިންގެ ސާޖިއޯ ރާމޯސް ޖެހިލަނޑާއެކު އެނާ ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ޑިފެންޑަރަށެވެ.

އެންރީކޭ ބުނީ ނަތީޖާ ގޯސްނަމަ ލަނޑު ޖަހަން ތިބޭ ކުޅުންތެރިންގެ ވާހަކަ އެންމެންވެސް ދައްކާނެކަމަށާއި މިހާރު ސްޕެއިންގެ ގައުމީ ޓީމުން އެތަން ނުފެންނަނީ ޓީމުގެ އެހެން ކުޅުންތެރިން ވެސް ގޯލާ ރައްޓެހިވުން ކަމަށެވެ.

ސްޕެއިން ޔޫކްރެއިންގެ މައްޗަށް ހޯދި މޮޅާއެކު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް އެޓީމު ވަނީ ގުރޫޕް ހަތަރެއްގެ ތާވަލުގެ އެއްވަނައިގައެވެ. ދެން މި ލީގުގައި ސްޕެއިން މެޗެއް ކުޅޭނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.